ލ. މާވަށު ދާއިރާގެ 69 ވޯޓު ފޮށްޓެއް އަލުން ގުނުމުން ވެސް، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސައީދަށް ދެ ވޯޓު އިތުރުވެ ގޮނޑި ޔަގީންވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ، މާވަށު ދާއިރާގެ 69 ވޯޓު ފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ދާއިރާއަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ރޭ އީސީން އެ ދާއިރާގެ 69 ވޯޓު ފޮށްޓެއްގެ ސެކިއުރިޓީ އުރަ ތިނެއް ކެނޑުމަށްފަހު އަލުން ވޯޓު ގުނުމުން، ބާތިލް ވޯޓުގެ ތެރެއިން ދެ ވޯޓެއް ސައީދަށް ވަނީ ލިބިވަޑައިގެންފައެވެ. އިއްޔެ ހަވީރުން ފެށިގެން ސައީދާއި ފަލާހުގެ އިތުރުން އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި ގުނަން ފެށި އެ ދާއިރާގެ 69 ފޮށްޓެއް ރޭ ދަންވަރު 2:00 އަށް ނިމުނު އިރު، ނަތީޖާ ބަދަލު ވެފައިވަނީ ތިން ވޯޓު ފޮށްޓެއްގެ ވޯޓެވެ.
އަލުން ގުނުމުން ނަތީޖާއަށް ބަދަލު އައިސްފައިވަނީ ލ. މާވަށުގައި ބެހެއްޓި ދެ ވޯޓު ފޮށްޓާއި ލ. ހިތަދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށީގައެވެ. މާވަށު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށިން ސައީދަށް ދެ ވޯޓު އިތުރުވި އިރު، އެމްޑީޕީ ޓީކެޓްގައި ވާދަ ކުރެއްވި އިބްރާހިމް ފަލާހަށް ދެ ވޯޓު އިތުރުވިއެވެ. އަދި އެ ދާއިރާގެ މިހާރުގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަޒްހާން ފަހުމީ އަށް މާވަށު އެއް ނަންބަރު ފޮށިން އެއް ވޯޓު އިތުރުވިއެވެ.
އަލުން ގުނުމަށްފަހު މާވަށު ދާއިރާގެ ވަގުތީ ނަތީޖާއަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ސައީދަށް 855 ވޯޓު ލިބިވަޑައިގެންނެވި އިރު، ފަލާހަށް ލިބިވަޑައިގަތީ 849 ވޯޓެވެ. އަދި އަޒުހާން އަށް ލިބިވަޑައިގަތީ 651 ވޯޓެވެ. މި ދާއިރާގެ ބާތިލް ވޯޓުގެ އަދަދަކީ 26 އެވެ.
މާވަށު ދާއިރާގެ އިތުރުން މާމިގިލި ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ބައެއް ވޯޓު ފޮށިތައް ވެސް އީސީން ވަނީ ގުނާފައެވެ. އަދި ރޭ އިއުލާންކުރަން ނިންމި ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް މިއަދު ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.