ލ.ފޮނަދޫ އަދި ބާރަށް ދެ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި ދެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމާފައިވަނީ ޕީޕީއެމް އަދި ޕީއެންސީއިން އީސީއަށް ފޮނަދޫ، ބާރަށު އަދި އިނގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓާއި ބެހޭގޮތުން ހުށަހެޅި ޝަކުވާއަކާއި ގުޅިގެންނެވެ. އީސީއިން ބުނީ ފުނަދޫ އަދި ބާރަށު ދާއިރާގެ ބާތިލް ވޯޓު ހުރި ހުރިހާ ފޮށްޓެއް އަލުން ގުނަން ނިންމާފައިވާ ކަމަށާއި އިނގުރައިދޫ ދާއިރާގެ ވޯޓު ފޮށި ނުގުނަން ނިންމާފައިވަނީ ނަތީޖާއަށް އަސަރުކުރާ ފަދަ ކަމެއް ނެތީމައި ކަމަށް އީސީ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ވާދަކޮށް އެންމެ 44 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 2837 މީހުންނަށް ލިބިގެންވާއިރު މި ދާއިރާއަށް ވޯޓުލާފައިވަނީ 2535 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 2489 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު، 46 މީހުންގެ ވޯޓު ވަނީ ބާތިލްވެފައެވެ.

އިނގުރައިދޫ ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ދާއިރާއިން އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަހްމަދު (ހަސަންޓޭ) އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ. ހަސަންޓޭ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ 89 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3313 މީހުންނަށް ލިބިގެންވާއިރު މި ދާއިރާއަށް ވޯޓުލާފައިވަނީ 3023 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 2957 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު، 66 މީހުންގެ ވޯޓު ވަނީ ބާތިލްވެފައެވެ.

ބާރަށު ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ދާއިރާއިން އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއެވެ. އަހްމަދު އަބްދުﷲ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ 42 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3322 މީހުންނަށް ލިބިގެންވާއިރު މި ދާއިރާއަށް ވޯޓުލާފައިވަނީ 3070 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 3006 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު، 64 މީހުންގެ ވޯޓު ވަނީ ބާތިލްވެފައެވެ.