މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ މިރޭ އިއުލާން ކުރާނެކަމަށް އިލްކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން އޮންނާނީ މިރޭ 21:30 ގައި ކަމަށެވެ.

އިންތިހާބުގައި ބެހެއްޓި ބައެއް ވޯޓު ފޮށިތަކާއި ބެހޭގޮތުން އީސީއަށް ހުށަހެޅި މައްސަލަތަކާއި ގުޅިގެން ބައެއް ވޯޓުފޮށިތައް ވަނީ އަލުން ގުނާފައެވެ. ނަމަވެސް ސައްހަ ވޯޓު ބާތިލުކަމަށް ބަލައިިގެން ވޯޓު ގުނާފައި ހުރުމުގެ ސަބަބުން ކެނޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ގިނަވުމުގެ އިތުރުން އެއްވެސް ތަފާތެއް ފެނިފައެއް ނުވެއެވެ. އަދި އަލުން ގުނި ވޯޓުފޮށިތަކުގެ ނަތީޖާވެސް ބަދަލުވެފައެއް ނުވެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.