ކުރީގެ ސަރުކާރުން ޒިކުރާ މިސްކިތް އަލުން އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކުރި އިރު، އުސޫލާ ހިލާފު ބައިވަރު ކަންތައްތައް ހިނގާފައި އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅު ވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަޤްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް، ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.
މިސްކިތް އެޅުމަށް ހޭދަވާ 130 މިލިއަން ރުފިޔާގެ ތެރެއިން، ކުރީގެ ސަރުކާރުން ވަނީ، 30 މިލިއަން ރުފިޔާ އެކަމަށް ހޭދަ ކޮށްފައެވެ. އަދި މިސްކިތުގެ މަސައްކަތަށް ހޭދަވާ، ބާކީ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، ޒިކުރާ މިސްކިތުގެ މަސައްކަތް ހުއްޓިފައިވާތީ، އެޓާނީ ޖެނެރަލްގެ މަޝްވަރާއާ ލަފާގެ މަތިން، އެކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނޭތޯ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އުސޫލާ ހިލާފަށް ކޮށްފައި ހުރީ ކޮން ކަންތައްތަކެއްތޯ އެހުމުން މިނިސްޓަރު ވިދާޅުވީ އެކަންތައްތަކުގެ ތަފްސީލު ބައްލަވަމުން ގެންދަވާ ކަމަށާ ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
ޒިކުރާ މިސްކިތް ހުންނަ ބިމުގައި ހަދާ އިމާރާތުގެ ތިރީ 3 ފަންގިފިލާ ނަމާދު ކުރުމަށް ހާއްސަ ކުރުމަށް އޭރު ހަމަޖައްސާފައި ވެއެވެ. އަދި އަނެއް 7 ފަންގިފިލާ އޮފީސް ހިންގުމަށް ބޭނުން ކުރުމަށް އޭރު ސަރުކާރުން ވަނީ ނިންމާފައެވެ.
ޒިކްރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980 ގެ ކުރީކޮޅު ބިނާކުރި މިސްކިތެކެވެ.
މި ކަލޭގެ މިއީ ކުރިން ހުރި މިނިސްޓަރާ ޖައްސާލައިގެން އެތަނުގައި އުޅުނު މީހެއް.