މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުން ނާކާމިޔާބު ވީ އެކަށީގެންވާ ގޮތަށް ކެމްޕޭން ނުކުރެވުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އާ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބުން އިދިކޮޅަށް ބޮޑު ނާކާމިޔާބީއެއް ލިބުނީ ރައްޔިތުންނަށް އިދިކޮޅު ކެންޑިޑޭޓުންގެ ސިޔާސަތުތަކާ ކަން އޮތް ގޮތް ހާމަކޮށް ނުދެވުމުން ކަމަށާއި އަދި ރަނގަޅަށް ޕްލޭން ނުކުރެވުން ކަމަށެވެ. ރަނގަޅު ކެންޑިޑޭޓް ފާހަގަ ނުކުރެވުމާއި ޖޭޕީ، ޕީއެންސީ އަދި ޕީޕީއެމް ތިން ޕާޓީން އުފައްދާފައިވާ ޓީމްތެރޭގައި ކޯޑިނޭޝަން ކުޑަވުމާއި އޮޕޮޒިޝަންގައި ހިމެނޭ ގިނަ ބަޔަކު އެއް ދާއިރާއަކަށް ނިކުތުމަކީ ވެސް ބަލިވުމުގެ ސަބަބެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ނަޝީދުވެސް ވިދާޅުވެފައި އޮތީ އެބޭފުޅުންގެ މެޖޯރިޓީ ބޭނުން ކުރައްވާނި ޒިންމާދާރު ކަމާއި އެކީގައި ކަމަށް، އޮޕޮޒިޝަންގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ގައުމީ މަސްލަހަތު އިސްކުރުމާއި އެކު އިސްލާމްދީނާއި ގައުމުގެ މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ވަކި ގޮތަކަށް ގެންގުޅުން" މަޖިލީހުގައި އޮޕޮޒިޝަންގެ ދައުރުގެ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ސަރުކާރުން ރަވާފައިވާ ޕްލޭންތައް ކުރިއަށް ދާނެ ކަމަށާއި އެކަމަށް ތާއިދު ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އޭނާ އެކަނި ހުންނަވައިގެން ވެސް އޭނާގެ ވެލިއުސްތަކާއި ގަބޫލު ކުރައްވާ ޕްރިންސިޕަލްތައް އަދި ދާއިރާގެ ރައްޔިތުންގެ ފިކުރުތަކާ އެކު ރައްޔިތުންގެ ބަސް މަޖިލީހުގައި އިއްވަވާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕާ މެޖޯރިޓީ އެމްޑީޕީން ނަގާފައި ވަނީ މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. އަދި ޖޭޕީ، ޕީއެންސީ އަދި ޕީޕީއެމްގެ އިތުރުން އެމްޑީއޭ އަށް ކާމިޔާބު ކުރެވުނީ އެންމެ 15 ގޮނޑިއެވެ. ބާކީ ހަތް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުންނެވެ.
ކިހިއްނެތް ކެމެޕޭން ކުރާނީ. ޕާޓީގެ ލާރި އޮތީ ފުރީޒްކޮށްލާފައި.