މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލި އދ.މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮށްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން މި ތިން ފޮށީގެ ބާތިލު ވޯޓު އަލުން ގުނަން ނިންމީ އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓެއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށް އީސީގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވިއެވެ.

މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ގޮނޑި ލިބިވަޑައިގަތީ މި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި އަލީ އަމީޒާ ވާދަކޮށް 80 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 2724 މީހުންގެ ތެރެއިން މި ދާއިރާއަށް ވޯޓުލީ 2295 މީހުންނެވެ. އަދި ވޯޓުލި މީހުންގެ ތެރެއިން 2105 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު 190 މީހުންގެ ވޯޓު ބާތިލް ވެފައި ވެއެވެ.

މީގެ އިތުރުން، ފަރަގު ކުޑަ ވުމުގެ ސަބަބުންނާއި ބާތިލު ވޯޓު ގިނަވުމުގެ ސަބަބުން ލ. މާވަށު ދާއިރާގެ 3 ވޯޓު ފޮށްޓެއްވެސް އަލުން ގުނުމަށް ނިންމާފައި ވާކަމަށް އިކެލްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މާވަށު ދާއިރާގެ 2789 ރައްޔިތަކަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު ވޯޓު ލާފައި ވަނީ، 2421 މީހުންނެވެ. އޭގެ ތެރެއިން 30 ވޯޓަކީ ބާތިލު ވޯޓެވެ. 65 ގޮނޑި އާއެކު އެކު މަޖިލީހުގެ ސާފު މެޖޯރިޓީ މިހާރު ވެސް ލިބިފައިވަނީ ވެރިކަން ކުރާ އެމްޑީޕީއަށެވެ. ޕީޕީއެމްއާ ޕީއެންސީއަށް މިފަހަރުގެ އިންތިހާބުގައި ލިބިފައިވަނީ ޖުމްލަ އަށް ގޮނޑިއެވެ.