ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ކުރައްވަންވީ ރައްޔިތުން ވޯޓު ދިން ކަންތައްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަލީމް މިހެން ވިދާޅުވެފައިވަނީ، ރާއްޖެއަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި، އެކަން ނިންމަވާނީ ރައީސްކަމަށް، ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކީ އަބަދުވެސް ތާއީދު ކުރައްވާ ނިޒާމެއް ކަމަށާ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެންޏާ ނިޒާމަށްވެސް ބަދަލެއް އަންނަން ޖެހޭ ކަމަށެވެ. އަދި މިގޮތުން ނިޒާމަށް ބަދަލެއް އަންނަން ޖެހެނީ ކޮން ވަގުތަކުކަން ނިންމާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަދި ޕާޓީގެ އެކިއެކި ފަރާތްތަކާ އަދި ރައްޔިތުންނާވެސް މަޝްވަރާ ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ގެންގުޅުއްވާ ވިސްނުމްފުޅު ހާމަކުރެއްވުމުން އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ނިޒާމު ބަދަލު ކުރެއްވުމުގެ ބަދަލުގައި ނަޝީދުގެ އަމާޒަކަށް ހައްދަވަންވީ އެޖެންޑާ19 ގައި ހިމެނޭ ވައުދުތައް ފުއްދެވުމަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމަނިކުފާނު (ނަޝީދު) މަސައްކަތް ކުރަންވީ އެޖެންޑާ 19 ގައި ހުރި ކަންކަން ރައްޔިތުންނަށް ގެނެސްދިނުމަށް. އިންތިހާބުގައި ރައްޔިތުން ވޯޓުލާ ރައްޔިތުން ބޭނުންވި ކަންކަން ފުއްދުމަށް" ޖަމީލް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ ތެރޭގައި އެޖެންޑާ19 އަށް ޖަމީލް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އިދިކޮޅުން ވެސް އެޖެންޑާ19 އަށް ފާޑު ކިޔަމުން އަންނަ އިރު، މިއީ ނަޝީދު އަޑީގައި ހުންނަވައިގެން ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށް ތުހުމަތުކުރެއެވެ. އަދި މަޖިލީހުގެ ސުޕާ މެޖޯރިޓީއެއް ހޯދީވެސް އެ މަގްސަދުގައި ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.