ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 އޭޕްރީލްގައި ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކަނޑައަޅުއްވާފިއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ބުނީ އޭޕްރިލް 15ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މި ތާރީހުގައި ބާއްވާނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާއެވެ. މި ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތިގެން 10 މިނިޓް ތެރޭގައި ޖަލްސާ ވަނީ ނިންމާލައިފައެވެ. މި ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވުމެވެ. އަދި އެ މައްސަލަ ކޮމެޓީއަށް ފޮނުއްވުމަށް ފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، އެޖެންޑާ ކުރެވޭނެ އިތުރު މަސައްކަތެއް ނެތުމުން ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށްވެސް ކުރިން ހުށަހެޅި ނުނިމި ހުރި ބިލުތައް ގިނައެވެ.