މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު މެޖޯރިޓީއާއި ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާ ކުރަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ހަވާލު ކުރައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާދާ މެޖޯރިޓީ އެމްޑީޕިއަށް ލިބުމުގެ އުފާ ފާޅު ކުރުމަށް މިރޭ ބްރިޖް ސަރަހައްދުގައި ބޭއްވި ބައްދަލު ވުމުގައި ރައީސް ވިދާޅުވީ ރައްޔިތުން ހަވާލު ކުރި ޒިންމާއަކީ ބޮޑު ޒިންމާއެއް ކަމަށަ އެންމެ ކަމެއްވެސް ގޯސް ކޮށް ކުރަންޏާ އެކަން ނޫސްވެރިން ހާމަ ކުރަމުން ގެންދަންވީ ކަމަށެވެ.

"ފާރަ ވެރިވެ ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރި ނަމަވެސް ހާމަ ކުރައްވާ. ރައްޔިތުންގެ މަޖިލީހުގެ އެންވެސް މެންބަރަކުވެސް ފައިސާއަށް ހިޔާނާތްތެރިވަންޏާ ހާމަ ކުރައްވާ. އަޅުގަނޑު މިހުރީ ފިޔަވަޅު އަޅަން ތައްޔާރަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ ކަމަށާ، އެކަން ކުރަން ކިރިޔާވެސް ހިތުލައިގެން ހުރި މީހަކު ހުރިއްޔާ މިހާރުންސުރެ ޖެހޭނީ ދުރަށް ދާން ކަމަށް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން މިހާތަނަށް ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ 64 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅި ޕީޕީއެމް އަށް 4 ގޮނޑި ލިބިފައިވާއިރު، ޕީއެންސީ އަށް 1 ގޮނޑި، އަދާލަތު ޕާޓީއަށް 1 ގޮނޑި، ޖޭޕީއަށް 7 ގޮނޑި އަދި މިނިވަން ކެންޑިޑޭޓުންނަށް 8 ގޮނޑި ލިބިފައިވާއިރު އެމްޑީއޭއަށް 2 ގޮނޑި ވަނީ ލިބިފައެވެ.