މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން ވޯޓުކަރުދާހުގެ ފޮޓޯ ނަގައިގެން ގއ.ވިލިނގިލިން އަދި ސ.ފޭދޫން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ހެނދުނު 10:11 ހާއިރު ވޯޓުކަރުދާހުގެ ފޮޓޯ ނެގުމުގެ ތުހުމަތުގައި ވިލިނގިލިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފޭދޫއިން ވޯޓުލުމަށްފަހު ވޯޓުކަރުދާހުގެ ފޮޓޯ ނެގި ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ވޯޓުކަރުދާހުގެ ފޮޓޯ ނެގުމަކީ ގާނޫނީ ކުށަކަށް ވާއިރު، ރިޔާސީ އިންތިހާބާއި އަޅާ ބަލާއިރު މި އިންތިހާބުގައި މިފަދަ މައްސަލަތައް މަދުކަމަށް ފާހަގަކުރެވެއެވެ. މި އިންތިހާބުގައި ފުލުހުން ފިޔަވަޅު އަޅާފައިވާ މައްސަލަތަކަށް ބަލާއިރު، މޮނިޓަރެއްގެ ފާސް އަޅައިގެން އުޅުނު އާންމު ރައްޔިތަކު ވޯޓުލާ މަރުކަޒުތެރެއަށް ވަންނަން އުޅެނިކޮށް ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި މި މީހާ އަތުން ފާސް އަތުލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބަހައްޓާފައި އިރު ރާއްޖޭން ބޭރުގައި ބަހައްޓާފައި ވަނީ އަށް ވޯޓު ފޮށްޓެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށެވެ. ވޯޓުލުމުގެ ސުން ގަޑި ހަމަވުމަށް މިހާރު ތިން ގަޑިއިރަށް ވެފައިވާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 35 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ.