މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ކިއުގައި މަޑުކުރާ އިރު ފެން ބުއިމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

މިއީ ހޫނުގަދަ ދުވަސް ވަރަކަށް ވުމާއި ގުޅިގެން އެޗްޕީއޭ އިން ބުނީ ވޯޓުލާން ކިއުގައި ތިބޭ ވަގުތު، އެނާޖީ ޑްރިންކްސްގެ ބަދަލުގައި ފެން ބޭނުން ކުރުމަށެވެ. އަދި މީގެ އިތުރުން ޑަސްބިން ނޫން އެހެނިހެން ތަންތަނަށް ކުނި ނޭޅުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 264،442 މީހުންނަށް ލިބިފައިވާ އިރު މިހާރު ވޯޓުލަފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 19 ޕަސަންޓެވެ.

މި އިންތިހާބުގައި ޖުމްލަ 87 ދާއިރާ އަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބަހައްޓާފައި އިރު ރާއްޖޭން ބޭރުގައި ބަހައްޓާފައި ވަނީ 8 ވޯޓު ފޮށްޓެވެ.