މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިހާތަނަށް 50 ހާސް މީހުން ވޯޓު ލައިފިކަމަށް އިލްކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.

ވޯޓުލުން ކުރިއަށް ދާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވާ 264،442 މީހުންގެ ތެރެއިން މިހާތަނަށް ހަތަރު ބައިކުޅަ އެއްބައި މީހުން ވޯޓު ލައިފިއެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 30،322 ފިރިހެނުންނާއި 20،472 އަންހެނުން ކަމަށް އީސީން ބުނެއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުގެ 19 ޕަސެންޓެވެ. މި އަދަދުތައް ދަނީ އިތުރުވަމުންނެވެ.

އީސީން ބުނާ ގޮތުގައި މި އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ 501 ވޯޓު ފޮށީގެ ތެރެއިން 501 ފޮށީގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބަހައްޓާފައި އިރު ރާއްޖޭން ބޭރުގައި ބަހައްޓާފައި ވަނީ އަށް ވޯޓު ފޮށްޓެވެ.