ކުރިއަށް އޮތް 5 އަހަރަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މާލެ އާއި އެހެނިހެން ރަށްރަށުގައި އިންތިހާބުގެ ވޯޓުލުން ފެށިއްޖެއެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށުނު އިރު ހެނދުނު 7:00 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ގިނަ ބަޔަކު ދިޔައީ ކިއު ހަދަމުންނެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު ހަތަރަކާ ހަމައަށެވެ.
މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅުތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓުފޮށްޓެވެ. މާލޭގައި ބެހެއްޓި 144 ވޯޓު ފޮށިން މާލޭ މީހުން ވޯޓުލުމަށް ބަހައްޓާފައި ވަނީ 37 ވޯޓުފޮށްޓެވެ. ބާކީ ހުރި 101 ވޯޓުފޮށްޓަކީ މާލޭގައި އުޅޭ އަތޮޅުތެރޭގެ ރައްޔިތުން ވޯޓުލާން ބަހައްޓާފައިވާ ވޯޓުފޮށްޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 264،589 މީހުންނަށެވެ.