މި އަހަރު ގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ކިއު ހަދާއިރު، އެ ކިއު އަކާ ދިމާލަށް ބަލާލުމުން އެއީ ކޮން ބަޔަކު ވޯޓުލުމަށް ހަދާފައިވާ ކިއު އެއްކަން އެނގޭނެ ކަމަށް އިލެކްޝަންސް ކަމިޝަން ގެ ރައީސް އަހްމަދު ޝަރީފް ވިދާޅު ވެއްޖެއެވެ.
އީސީން މިރޭ ބޭއްވި، މައުލޫމާތު ދިނުމުގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ވޯޓުލާ މަރުކަޒުގައި ކިއު ހަދާފައި ހުންނަ އިރު ކޮންމެ ކިއު އެއްގެ އެންމެ ފަހުން ހުންނަ މީހާގެ ފަހަތުގައި އެއީ ކޮން ކިއު އެއްކަން އެނގޭނެ ހެން ބޯޑެއް ބަހައްޓާފައި ހުންނާނެ ކަމަށެވެ.
އަދި އެއް ދާއިރާ އެއްގެ ފޮށިތައް ބަހައްޓާފައި ހުންނާނީ، އެއް ސަރަހައްދެއްގައި ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އޭގެ ސަބަބުން، އޮޅިގެން ނުބައި ވޯޓު ލާ މަރުކަޒަކަށް ދެވިއްޖެނަމަ، އެހެން މަރުކަޒަކަށް ދާން ނަގާ ވަގުތު ވަރަށް ބޮޑުތަން ސަލާމަތް ވެގެން ދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"މާލޭގަ ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ސަރަހައްދެއްގަ އެއް ދާއިރާ އެއްގެ ފޮށިތައް ވެއްޖިއްޔާ ހުންނާނީ އެއް ދިމާލެއްގަ. އަޅުގަނޑުމެން ދާއިރާ ތައްވެސް ބަހާފަ ހުންނާނި ހަމަ އެއްދިމާލެއްގަ، މިސާލަކަށް އޮޅިގެން ވެސް ދާއިރާއެއްގެ އެހެން ފޮށްޓެއް ކައިރިއަށް މީހަކަށް ދެވިއްޖެ ކަމަށް ވަންޏާމުން ދެ ވަނަ ފޮށި ނުވަތަ ތިން ވަނަ ފޮށި ހޯދުމަށް މާ ގިނަ ވަގުތު ހޭދަ ނުކޮށް ހަމަ ޖެހިގެން އޮތް މަރުކަޒުން ޗެކް ކުރެވޭ ގޮތަށް" ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮންމެ ވޯޓުލާ މަރުކަޒަކަށް ވަންނަ ދޮރު މަތީގައި، އެ މަރުކަޒެއްގެ ތެރޭގައި ވޯޓުލާން ހަމަ ޖެހިފައިވާ ތަންތަނަކީ ކޮބައި ކަން ޗާޓެއްގެ ސިފައިގައި ހުންނާނެ ކަމަށެވެ. އަދި އެ ތަންތަނަށް ވޯޓުލާނީ ކޮން ބައެއް ކަން އެނގެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަޖުރިބާގެ އަލީގައި ވޯޓު ލާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައި ހުންނާނެ ކަން ޝަރީފް މިރޭ ފާހަގަ ކުރެއްވިއެވެ. އަދި އެހެން އިންތިހާބު ތަކުގައި ގެންގުޅުނު ބައެއް ހަރުކަށި އުސޫލުތައް މިފަހަރު ދޫކޮށްލާފައި ވާކަމަށް ވެސް ޝަރީފު މިރޭ ވިދާޅުވިއެވެ.