އަންނަ މަހު ހަވަނަ ދުވަހުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޗާޕްކުރީ 267،157 ވޯޓު ކަރުދާސް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަދު އިންތިހާބާ ބެހޭ މަރުކަޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބިޑް ހުށަހެޅި ދެފަރާތުގެ ތެރެއިން ވޯޓު ކަރުދާސް ޗާޕްކުރުމަށް ހަވާލުކުރީ ޓެންޑާ ބޯޑްގެ ނިންމުމާއެކު ނޮވެލްޓީ ޕްރިންޓާސްއާ ކަމަށެވެ. އަދި ނޮވެލްޓީއިން ވޯޓު ކަރުދާސްތައް ޗާޕްކުރަން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި. މި މަހުގެ 24 ވަނަ ދުވަހު ވޯޓު ކަރުދާސް ޗާޕްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަހަރު ވޯޓު ކަރުދާސް ޕްރިންޓްކުރަން ހަރަދުވެފައިވަނީ ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޕްރިންޓްކުރަން ބިޑް ހުށަހަޅާފައިވަނީ ކުލަކޮށްނާއި ކަޅާއި ހުދުންނެވެ. އޭގެތެރެއިން ކަޅާއި ހުދުން ވޯޓު ކަރުދާސް ޕްރިންޓްކުރަން ނިންމާފައިވަނީ އެ ކޮމިޝަނުން ފައިސާ ހޭދަކުރެވޭނެ ވަރަށް ބަލާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނޮވެލްޓީއިން ވޯޓު ކަރުދާސް ޕްރިންޓް ކުރި އިރު މި ފަހަރު ވޯޓު ކަރުދާހުގައި ދެ ސެކިއުރިޓީ ފީޗާއެއް ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓު ކަރުދާސްތައް ވޯޓުލާ މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވޯޓުލާ މަރުކަޒުތަކުން ވޯޓުލާން މި ފަހަރު ކަރުދާސްކޮޅު ދޫކުރާނީ ކަރުދާހުގެ ފަހަތުގައި އެކަމަށް ހާއްސަ ތައްގަނޑެއް ޖެހުމަށް ފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން ސިނާއީ ސަރަހައްދުތަކުގައި ހަތަރު ފޮށި ބަހައްޓާ އިރު، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ޖަލުގައި ފަސް ފޮށި އަދި ރާއްޖޭން ބޭރުގައި އަށް ފޮށި ބަހައްޓާނެއެވެ. އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.