އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓްގައި އަދި 226 ކެންޑިޑޭޓުން ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ނިޔަލަށް 386 ކެންޑިޑޭޓުންގެ ތެރެއިން ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައިވަނީ އެންމެ 120 ކެންޑިޑޭޓުން ކަމަށެވެ.

މަދަމާގެ މެންދުރު 14:30 އާއި ހަމައަށް ސޮއި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި މިކަމަށް ހުރިހާ ކަންޑިޑޭޓުން ވެސް ސަމާލުވުމަށް ޝަރީފް އިލްތިމާސް ކުރައްވާފައިވެއެވެ.

އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން ފަށާފައިވަނީ މިމަހުގެ 20 ގައެވެ. ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އިންތިހާބީ މަރުކަޒު (ބާ ޖަމާލުއްދީން) ގައެވެ. އެއީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 386 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އީސީން ވަނީ ބަލައިގެންފައެވެ. 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު 501 ވޯޓުފޮށި ބަހައްޓަށް ވަނީ އީސީން ނިންމާފައެވެ.