ކައިވެނީގެ ބޭރުން އަދި ކައިވެނީގެ ތެރޭގައި ހިނގާ ރޭޕަކީ ޤަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކުރި ގދ.ތިނަދޫ، ޒިޔާދާ ނައީމް ގެ މައްސަލައާ ގުޅުން ހުރި ކަންބޮޑުވުންތައް 'ދަޕްރެސް' އާ ހިއްސާ ކުރައްވަމުން، ދުންޔާ ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ގާނޫނަކީ މުހިންމު އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ކައިވެނީގެ ގުޅުމުގެ ތެރޭގައި ހިނގާ ރޭޕްގެ މައްސަލައަށް އަދިވެސް އިތުރަށް އަލި އަޅުވާލަން ޖެހޭ ކަމަށެވެ.

ދުންޔާ ވިދާޅުވީ އެފަދަ ރޭޕްގެ މައްސަލަތަކަކީ މައްސަލަ އެއްގެ ގޮތުގައި އަދި ވެސް ރާއްޖެއިން ބަލައި ގެންފައި ނުވާ ކަމަށާ، އެއީ ދެމަފިރިންގެ ގުޅުމުގެ ބައެއްގެ ގޮތުގައި މިހާރު ވެސް މީހުން ދެކެމުން ދާކަމަށެވެ. އެކަމަކު ކައިވެނީގެ ތެރޭގައި ވިޔަސް އެއީ ގަދަކަމުން ކުރާ ކަމެއް ކަމަށް ވާނަމަ އެކަން ދުނިޔޭގައި ވެސް ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅު ވިއެވެ.

"މެރިޓަލް ރޭޕަކީ (މައްސަލައެއްގެ ގޮތުގައި) އަޅުގަނޑުމެންގެ ތެރޭގަ އެހާ ބަލައެން ނުގަނޭ ކަންނޭނގެ، ދެމަފިރިންގެ ގުޅުމުގެތެރޭގަ ހިނގާ ކަމެއް ކަމަށް ދެއްތޯ މިބަލަނީ. އެކަމަކު ރޭޕަކީ މުޅި ދުނިޔޭންވެސް މެރިޖް ތެރޭގަ ވިޔަސް ވެސް ގަދަކަމުން ކަމަށް ވަންޏާ އެއީ އަސްލު އެކްސެޕްޓް ކުރެވޭނެ ކަންތައްތަކެއް ނޫން" ދުންޔާ ވިދާޅު ވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، ހަމަ އެކަނި ގާނޫނެއް ގެނެސް ގެން މިކަންކަން ހުއްޓުވުމަށް ބޭނުންވާ ހުރިހާ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން ލޯ އެންފޯސްމަންޓާއި ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، ބޮޑެތި ޖިނާއީ މައްސަލަތަކާ އަނިޔާ ގެ މައްސަލަ ތަކަށް ސަމާލުކަން ދޭން އެބަ ޖެހޭ ކަމަށާއި، އެހެން ނަމަވެސް ވޭތުވެ ދިޔަ އަހަރު ތަކުގައި ވެސް ފެނިގެން ދިޔައީ ސިޔާސީ އެކި ކަހަލަ ކަންތައްތަކަށް އިސްކަންދީ، އެކަންތައްތައް ކޯޓުތަކަށް ދިޔަ ތަން ކަމުގައެވެ. އަދި ސިޔާސީ މީހުންގެ ފަހަތުން ދިޔުމަށް ވުރެ މާ ބޮޑެތި މާ މުހިންމު ކަންތައްތައް އެބަ ހުރި ކަންވެސް ދުންޔާ ފާހަގަ ކުރެއްވިއެވެ.

ދުންޔާ ވަނީ، މުޅި މުޖްތަމައާ، ހިއުމަން ރައިޓްސް ކޮމިޝަން ހިމެނޭނެ ހެން މުއައްސަސާ ތަކުގެ ވެރީން ގުޅިގެން މިފަދަ ކަންކަމުގައި ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ސަރުކާރުން މިހާރު ހުށަހަޅާފައި ވާތީ އެކަމާ އުފާ ކުރައްވާކަމަށެވެ. އަދި އުންމީދު ކުރައްވަނީ މި ފަދަ އެހެން މައްސަލަ ތަކުގައި ވެސް އިންސާފު ލިބިގެން ދާތަން ފެންނާނެ ކަމަށް ކަމުގައި ދުންޔާ ވިދާޅުވިއެވެ.

ޒިޔާދާގެ މައްސަލައިގައި، އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އެ ނިންމުން ރަނގަޅު ނޫންކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބުނެފައި ވެއެވެ.

ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.