ދިވެހި ބިމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބިމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ލ.މާވަށުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީގެ ރައީސް ގާސިމް އިބްރާހީމަށް ރައްދު ދެއްވަމުންނެވެ.

"ވިސްނާލާ ދިވެހި ބިން ތިމަންނައަށް ވެސް މި އަތޮޅުގައިވެސް ގޮސްފައި އޮތް މިންވަރު. ފަޅުރަށެއް، ފަޅެއް، ގިރިއެއް، ރަށެއް އެބަ އޮތްތޯ އޭގެއިން ބޭފުޅަކު އަތްމައްޗަށް ނާރާ؟" ނަޝީދު މިހެން ވިދާޅުވީ ގާސިމްގެ ޝިއާރު ކަމަށް ވާ "ދިވެހިންގެ ބިން ދިވެހިންނަށް" ޖޯކު ޖައްސަވަމުންނެެވެ.

ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، މި ޖަޒީރާ ގައުމުގެ ދެބައިކުޅަ އެއްބައި ރަށްތަށް، އެކި ގޮތްގޮތަށް ނަގާ މިހާރު ވާދަވެރިންގެ އަތުގައި ވާނެކަމަށެވެ. އަދި އެބޭފުޅުންގެ ޝިއާރުގެ ގޮތުގައި [ދިވެހި ބިން ތިމަންނަ އަށޭ] މިވިދާޅުވަނީ މިހުރިހާ ރަށްތައް ނަގާ އަންބޮޑިއަށް ލައިފައި ނިކުމެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާ ލައްވައިފައެވެ. ޢެގޮތުން، ރާއްޖެއަކީ މިއަދު މުއްސަނދި ގައުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2007 ވަނަ އަހަރު ދިވެހިރާއްޖެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ސަފުން މެދު އާމްދަނީގެ ގައުމަކަށް ބަދަލުވެގެން ދިޔަ އިރު، އޭރުގެ ދައުލަތުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް 2018 ވަނަ އަހަރު ދައުލަތުން ފާސް ކުރި ބަޖެޓު 30 ބިލިއަން ރުފިޔާއަށް އަރާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.