އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅު ވެއްޖެއެވެ.
އއ. ހިމަންދޫގައި ގާސިމް މިހެން ވިދާޅުވެފައި އޮތް ވީޑިއޯއެއް ސޯޝަލް މީޑިއާ ގައި މިހާރު ދައުރުވަމުން އެބަ ދެއެވެ.
ވީޑިއޯގައި ގާސިމް ވިދާޅުވެފައި ވަނީ، މިއަދު އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ތަފާތު ދީން ތަކުގެ މީހުން ދިރިއުޅޭނެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މިއަދު އެމްޑީޕީއަށް ދިވެހި ރާއްޖޭގެ ޕާލިމެންޓްގެ މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ކިހިނެއްތޯ ވާނީ. މި ރާއްޖޭގައި ބުދު ފައްޅި އަޅާނެ. މި ރާއްޖޭގައި ޓެމްޕަލް ހަދާނެ. މި ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުން ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަނގުރާމަ ކުރަން" ގާސިމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީއާ ޖޭޕީ އާ ދެމެދު އުފެދިފައިވަ ނުތަވަސް ކަމާ ގުޅިގެން، މީގެ ކުރިން ވެސް ގާސިމް ވަނީ އެތަށް ފަހަރަކު އެމްޑީޕީ އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމްއާ ގުޅިގެން މަޖިލީހުގައި ވާދަ ކުރުމަށް ވެސް ނިންމަފައެވެ.
ގާސިމް ކުރިން ވިދާޅުވީ، ޖޭޕީން މިގޮތަށް (ޕުރޮގްރެސިވް ކޮންގްރެސް އާ ގުޅިގެން) މަޖިލީހުގެ އިންތިހާބަށް ނުކުންނަން މަޖުބޫރުވީ، އެމްޑީޕީން "ވައުދު އުވާލާ" ހިޔާނަތްތެރިވެ މަކަރު ވެރިވެ އަނިޔާ ވެރި ވުމުން ކަމަށެވެ. އަދި އެހެން ނޫންނަމަ ޖޭޕީއިން ކުރިމަތިލީހީ 22 ގޮނޑިއަކަށް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ މިވާހަކަތަކަށް އެމްޑީޕީން އަދި އެއްވެސް ރައްދެއް ނުދެއެވެ.