އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލްމުޣުނީއާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މުޣުނީ ފުލުހުންގެ އިދާރާއަށް އޭނާ އާ ބެހޭ އެއްވެސް މައްސަލައެއް މިހާތަނަން ތަހްގީގު ކޮށްފައިވޭތޯ ބަލެމުން ފޮނުވި ސިޓީގެ ޖަވާބުގައެވެ.
ފުލުހުން ބުނީ މުޣުނީއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި ހުށަހެޅިފައި ވާކަން ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.
އެމްޑީޕީން މުޣުނީއަށް ކުރަމުން އައި ތާއީދު އަނބުރާ ގެންގޮސްފައިވަނީ މުޣުނީ މީގެ 10 އަހަރު ކުރިން އިނދެގެން އުޅުނު އާއިޝަތު ރިޒްނާ އަށް ގެވެށި އަނިޔާ ކުރި ކަމަށް ރިޒްނާ ކުރި ތުހުމަތަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭންގައި އެމަނިކުފާނު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
މުޣުނީއަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންދިއުމުން އެކަން ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީގެ ތިނަދޫ ގޮފިން ވަނީ ގަރާރެއް ވެސް ފާސްކޮށްފިއެވެ
ހަމަ މިގޮތަށް ކުޑަކުދިންތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރިކަމަށް ބުނެ އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވައި ކެންޑިޑޭޓް ހިސާން ހުސައިނަން ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވަކީލާ އަދި އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓް ހިސާންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތްތަކަކީ ފިނޑި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އަދި ހިސާނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.