އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 6 ގޮނޑި ލިބޭނީ އެމްޑީޕީއަށް ކަމަށް ދަނގެތި ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ގާސިމާއި ޔާމީނު ގުޅިވަޑައިގެންވެސް މަޖިލީހުގެ ހަ ގޮނޑި ނުނެންގެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމުގެ ރައްދުގައެވެ.

ދަނގެތި ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި މިއަދު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އެފާޑަށް ވާހަކަ ދައްކަވަނީ އެމްޑީޕީއަށް ޔަގީންކަން ނެތުމުން ކަމަށެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ރައްޔިތުން ނިންމާ ނިންމުން ގަބޫލުކުރަން ޖެހޭނެކަމަށެވެ.

ގާސިން ވިދާޅުވީ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ނަގަން އެމްޑީޕީން މަސައްކަތް ނުކުރުމަށް ކުރިން އެއްބަސް ވެފައި ވާކަމަށާއި، އެމްޑީޕީއާ ދެކޮޅަށް ނިކުންނަން ޖެހުނީ އެމްޑީޕީން އެ އެއްބަސްވުމާއި ހިލާފުވުމުން ކަމަށެވެ.