އިންތިހާބީ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.

ކޮމްޕްލެއިން ބިއުރޯއަށް ހުށަހަޅާ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައަޅާ މި ގަވާއިދުގެ ދަށުން ކޮންމެ ދިވެއްސަކަށް އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން ކެންޑިޑޭޓުންނާއި މޮނިޓަރުންނާއި އޮބްޒާވަރުން އަދި އިންތިހާބު ހިންގާ ފަރާތްތަކަށް ވެސް މައްސަލަ ހުށަހެޅޭނެއެވެ.

އިންތިހާބީ ކެންޑިޑޭޓުންނަށް ދީފައިވާ ހައްގަކަށް އުނިކަމެއް އައުމުންނާ ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އިންތިހާބީ ކަންތައް ކުރިއަށްދާ ނަމަ މި ގަވާއިދުގެ ދަށުން މައްސަލަ ހުށަހެޅޭނެއެވެ. އަދި އިންތިހާބުތަކާ ގުޅޭ އާންމު ގާނޫނާއި ގަވާއިދުތަކާއި އަދި އެކަމަށް ހާއްސަ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންތައް ކުރިއަށްދާ ނަމަވެސް މައްސަލަ ހުށަހެޅޭނެ އެވެ.

ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު މެދުވެރިކޮށް އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި އިންތިހާބުގެ ކަންތައް ބަލަން ކަނޑައަޅާފައިވާ އިދާރާއަކަށެވެ. އަދި ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީ ކުރުމަށް ފަހު އެކަމެއް ބަލާނެކަން އަންގާ ލިޔުމެއް މައްސަލަ ހުށަހަޅާ ފަރާތައް ހަވާލުކުރަން ޖެހެއެވެ. ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ނުބެލޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ދަފްތަރެއް އެކުލަވާލުމަކީ ވެސް އެ އިދާރާތަކަށް ހަވާލުކޮށްފައިވާ ޒިންމާއެކެވެ.

އެ ބިއުރޯއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މައްސަލަ ހުށަހަޅާ ފަރާތުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތާއި ހެކިން ވެސް ހާޒިރުކުރުމުގެ ބާރު އެ ބިއުރޯއަށް އީސީން ދީފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރުކުރުމުގެ ބާރު ވެސް އެ ގަވައިދުގައި ބިއުރޯއަށް ދީފައިވެއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 387 ކެންޑިޑޭޓުން ކުރިމަތިލާއިރު މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 264،589 މީހުންނަށެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 501 ވޯޓު ފޮށްޓެވެ.