އަންނަ މަހު ހަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.

އިލްކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އަދި ތަރުޖަމާނު، އަހްމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއިކުރުން އަންނަ ހޮނިހިރު ދުވަހު ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސޮއިކުރުން ފަސްކޮށްފައި ވަނީ ވޯޓާސް ލިސްޓަށް އިދާރީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާތީ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ތިނެއް ޖެހުމުގެ ނިޔަލަށެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމާބެހޭ ގޮތުން އީސީއިން ކުރިން ނެރެފައިވާ އިއުލާނުގައިވާ ގޮތުން ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އިންތިހާބީ މަރުކަޒު (ބާ ޖަމާލުއްދީން) ގައެވެ. އެއީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށެވެ.

އީސީއިން ވަނީ ކެންޑިޑޭޓުން ސޮއިކުރުމާބެހޭ ގަވާއިދުތައް އާންމު ކޮށްފައެވެ. އޭގެތެރޭގައި ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރައްވާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންވާނެއެވެ. ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންނަންވާނެއެވެ.