މިއަދު ހެނދުނު ބީއެޗްއެމުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޖަމާ ކުރަން ގެންދިޔަ ފައިސާގެ އަދަދު 2 މިލިއަނަށް އަރާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިހާރު މިމައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުވެސް ކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ 2 މީހަކާއި 18 އަހަރުން ދަށުގެ 2 ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި މިހާދިސާފައި ފައިސާ ފޭރިގަންފައި ވަނީ ހެލްމެޓް އަޅައިގެން ތިބި 4 މީހެއް ކަމަށާ އެހާދިސާގައި ފައިސަ ހިފައިގެން ހުރި މީހާއަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވި މީހައަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށެވެ.
މިއަދު ހެނދުނު ހިނގި މިހާދިސަގައި ބީއެޗްއެމުން ޖަމާ ކުރަން ގެންދިޔައީ ކިހާ ފައިސާއެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. "ދަޕްރެސް" އާ ވާހަކަ ދެއްކި ބީއެޗްއެމްގެ މުވައްޒަފަކު ބުނީ ފުލުހުންނާއެކު މިހާރު ހަރަކާތްތެރިވަމުން ދާކަމަށާ، ފައިސާގެ އަދަދު ފަހުން ހާމަ ކުރާނެ ކަމަށެވެ.
ފައިސާ ފޭރުމުގެ މިހާދިސާގައި ފޭރުނު 4 މީހުން ތިބީ ދެ ސައިކަލެއްގައި ކަމަށާ ހަމަލާ ދީފައިވަނީ އިންޑިޔާ ފިރިހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން އެސަރަހައްދަށް ދިޔަ އިރު މި ހަތަރު މީހުން ވަނީ ފިލާފައި ކަމަށާ އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ހެލްމެޓު އެޅުން މަޖުބޫރު ކުރުވީ ރޭ ދަންވަރު 12 އިން ފެށިގެންނެވެ. ހެލްމެޓާއެކު މާރާމާރީއާ ވައްކަން އިތުރުވާނެ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް މިހާދިސާ ހިނގާފައި ވީ ނަމަވެސް ހެލްމެޓަކީ އެކްސިޑެންޓް ތަކާ ރައްކާތެރިކަމަށް އަޅަން މަޖުބޫރު ކުރި އެއްޗެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކޮށްފައިވާ ހެލްމެޓް ގަވާއިދު ބުނާގޮތުން މީހުންނަށް އޮޅޭ ގޮތަށް މޫނުގެ އެއްބައި ފޮރުވިފައި ހުންނަ ހެލްމެޓާ މޫނު އެއްކޮށް ފޮރުވިފައި ހުންނަ ހެލްމެޓް އެޅުމަކީ މަނާ ކަމެކެވެ.