ސިފައިިންގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސީނިއާ ލީޑާޝިޕުން މިހާރު ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓާ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިފައިންނަކީ ގައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި ގާބިލްކަމާއެކު ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ދިފާއު ކުރަން ތިބޭބައެއް ކަމަށާއި، މިކަން ހާސިލުކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީން ލިބިފައިވާ ގާބިލް ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސިފައިން ކުރަންޖެހޭ މަސައްކަތް ގިނަ ކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ އެ ކަންތައްތައް ކުރެވޭނީ ސިފައިިންގެ އުސޫލުތައް ހަރުދަނާ ކޮށްގެން ކަމަށެވެ. މިގޮތަށް މިކަން ކުރުމުގެ މައިގަނޑު ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަމަށް ވާތީއެވެ.
ކަޅުތުއްކަލާ ކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ޑިފެންސް މިނިސްޓަރު އިނާމު ހަވާލުކޮށްދެއްވިއެވެ. އަދި މި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި ކަށިގަނޑު ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެެވެ.
މިރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސީޑީއެސްއެސްގެ ކޮމާންޑިން އޮފިސާ ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދެވެ. އަދި މި ރަސްމިއަޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ކޯހުގެ މުދައްރިބުން އަދި ދަރިވަރުނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަށެއް ޑިސެމްބަރު 2018 އިން ނުވައެއް މާޗް 2019 ގެ ނިޔަލަށް އެމްއެންޑިއެފް ސެންޓްރަލް އޭރިއާގައި ކުރިއަށްގެންދެވުނު މި ކޯސް ނިންމާލުމުގެ ގޮތުން ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުން ވަނީ ހާއްސަ ޑިސްޕްލޭއެއް ދައްކާފައެވެ.