ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އެންމެ އިސްކަމެއް ދެއްވާނެ އެއް މަޝްރޫއު ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އަންނަ މަޖިލީސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ އައްޑޫ ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައިސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފޯމުގައި ހަމައެކަނި ނަން ޖަހާލާފައި ހުރި ފަރާތްރަކަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުގައި ހިޔާ މަޝަރޫގެ ދަށުން ފްލެޓް ދީފައި ވަނީ އެގޮތް މިގޮތަށް ކަމަށާއި، ފުލެޓުތައް ދީފައިވާ ގޮތް ބަލައި އޭގެ ހައްގުވެރިންނަށް އެ ފުލެޓުތައް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދަންނަވަންތޯ ފްލެޓުތައް ދީފައި ހުރި އިރުގައި ބައެއް ފަރާތްތަކަށް އެބަހުއްޓޭ ހަމައެކަނި ފޯމުގައި ނަން ޖަހާލި ކަމަށްޓަކައި ފުލެޓް ދީފައި" ރައީސް ވިދާޅުވިއެވެ.
މިރޮނގުން ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ "އެހެން ނަމަވެސް މިއަދު ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނެ އެއް މަޝްރޫއު" ކަމަށެވެ.
ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ދިނުމަށް ރައީސް މުހައްމަދު ސޯލިހު ވަނީ ކޮމިޓީއެއް އުފައްދާފައެވެ.
މީގެ ކުރިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީއިން އާންމު ކުރީ އެ މީހުންގެ ނަމާއި އެޑްރެސް ނުހިމަނާ ކަމަށް ވިޔަސް، އެ ކޮމެޓީއިން ވަނީ ފްލެޓު ލިބުނު މީހުންގެ ނަމާއެކު ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ. ނަމަވެސް އަދިވެސް ބައެއް މީހުނަށް ލިބިފައިވާ ޕޮއިންޓްގެ އަދަދު ހިމަނާފައެއް ނުވެއެވެ.
ހިޔާ މަޝްރޫއާއި، ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅީފަޅު މަޝްރޫއުން ފްލެޓު ދޫކުރި ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް މެދުވެރިކޮށް ރައީސް އޮފީހަށް ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.