ފުވައްމުލަކުގައި މިއަދު މެންދުރު 14:15 ހާއިރު ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ފުނާޑު، ހައިވޭރެސްޓް ކައިރިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ދުއްވާފައިދިޔަ ދެ ސައިކަލުގައި ތިން މީހުން ތިއްބެވެ.

ފުލުހުންނަށް މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދަށް ދިޔައިރު އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ ލަންކާ މީހެއް ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާގެ ކަނާތުފައި ބިނދި، ކަނާތް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން 18 އަހަރުގެ މީހާއަށާއި ޢޭނާގެ ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކި ވަރުގެ ކުދި އަނިޔާ ލިބިފައިވެއެވެ.

18 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަނިޔާވި ލަންކާ މީހާ އަށް ދަނީ ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.