މިރޭ 12 އިން ފެށިގެން ހެލްމެޓް ނާޅާ ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހުއްޓުމުގެ މަސައްކަތް ފުލުހުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުލުހުން ޗެކް ކުރަން ފެށި ނަމަވެސް ޖޫރިމަނާކޮށް ފިޔަވަޅު އަޅަން ފަށާނީ މިއަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެއީ ހެލްމެޓްގައި ހުންނަން ޖެހޭ މިންގަޑުތައް އެންގުމުގެ ކުރިން ހެލްމެޓު ގެނައި ފަރާތްތަކަށް ގަވާއިދަށް ފެތޭ ހެލްމެޓަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޖޫރިމަނާ ނުކުރި ނަމަވެސް ގަވާއިދަށް ނުފެތޭ ހެލްމެޓު އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓު ކުރުން ފަދަ ކަންކަން ފުލުހުން ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވަން އިންނަ މީހާގެ އިތުރުން ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅަން ޖެހޭނެ އެވެ. އަދި އުމުރުން ދެ އަހަރުން މަތީގެ ކުޑަކުއްޖަކު ގޮވައިގެން ދާ ނަމަ އެ ކުއްޖާވެސް ހެލްމެޓު އަޅުވަން ޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ. ބްރިޖާއި ހައިވޭގެ އިތުރުން ބްރިޖަށް އަރަން އޮންނަ ރިންގް ރޯޑާއި ބްރިޖް ހައިވޭން ހުޅުމާލެ އަށް ދާން އޮންނަ ބޮޑު މަގުގައިވެސް ހެލްމެޓް އަޅަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ހެލްމެޓުގެ ޝަރުތުތަކުގެ ތެރޭގައި ހެލްމެޓަކީ ބޮލަށް ހެޔޮވަރު ސައިކަލު ދުއްވުމަށް ހާއްސަ ހެލްމެޓަކަށް ވުމާއެކު ހެލްމެޓުގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ކަހަލަ ކަމަރެއް ހުރުން ހިމެނެއެވެ. އަދި މި ކަމަރަކީ އެކަތި ގަނޑަކަށް އިންނަ ކަމަރަކަށް ވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހުރެގެން ނުވާނެއެވެ. މީގެ އިތުރުން ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޮލްވެންޓެއް ހެލްމެޓު ގައި ލައިފައި ނުވުމާއި ހެލްމެޓުގައި ޓިންޓެޑް ނުވަތަ ކުލަ މެޓީރިއަލް ބޭނުން ކޮށްފައި ނުވުމުގެ އިތުރުން ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނުން މޫނު ފެންނަން ޖެހޭނެއެވެ. އަދި މީހުންނަށް އޮޅޭ ގޮތަށް މޫނުގެ އެއްބައި ފޮރުވިފައި ހުންނަ ހެލްމެޓާއި ލޮލަށް އުނދަގޫވާ ކުލަ ކުލައިގެ ހެލްމެޓު ނޭޅުމަށްވެސް ޝަރުތުތަކުގައިވެއެވެ.
ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ 500 ރުފިޔާއިންނެވެ. ދެވަނަ ފަހަރު ޖޫރިމަނާ ކުރާނީ 750 ރުފިޔާއިންނެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން ފަރުވާކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުން ވެއްޖެނަމަ އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާނެއެވެ. ގަވާއިދުގައިވާ ގޮތުން މީހަކަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާނެއެވެ.