މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ދިރާސާކޮށް ކަން ހިނގި ގޮތުގެ ރިޕޯޓު ދިރާސާކުރުމުން ދިޔައިރު އޮފިޝަލުންގެ ޒިންމާ އަދާކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވުން ކަމަށް އިލެކްޝަން ކޮމިޝަން ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.
އަންނަ މަހު ހަވަނަ ދުވަހު ބާއްވާ ރައްޔިތުނަގެ މަޖިލީސް އިންތިހާބުގެ ޓީއޯޓީ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ދިރާސާކޮށް ކަން ހިނގި ގޮތުގެ ރިޕޯޓު ދިރާސާކުރަމުން ދިޔައިރު އޮފިޝަލުންގެ ޒިންމާ އަދާކުރުމުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ.
އެހެންކަމުން އޮފިޝަލުން ތަމްރީން ކުރާއިރު އެބޭފުޅުންގެ ޒިންމާއާއި ޒިންމާއިން އެއްފަރާތް ވެއްޖެނަމަ ދިމާވެދާނެ މައްސަލަތަކާ ބެހޭގޮތުން އޮފިޝަލުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެއިތުރުން އިންތިހާބުގެ މަސައްކަތް ހިގަމުންދާ ޕްރޮސެސް ޑިޒައިން ކުރަންޖެހޭނީ އޮފިޝަލުންނަށް ފަސޭހަވާނެ ގޮތަކަށް ނޫން ކަމަށާއި މަޖިލީސް އިންތިހާބުގެ ކަންތައް ހަމަޖައްސަން ޖެހޭނީ ވޯޓުލާން އަންނަ މީހާއަށް ފަސޭހަވާނެ ގޮތަކަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ 87 ދާއިރާއަށް މި ފަހަރު 393 ކެންޑިޑޭޓުން ވާދަ ކުރެއެވެ. މި އިންތަހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.