ރާއްޖޭގެ ތައުލީމީ ދާއިރާގެ ކަންކަން ކުރިއަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ފިންލޭންޑަށް ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ސޯޝަލް ސެކިއުރިޓީ އެޑްވައިޒަރު ވެސް ބައިވެރިވެ ވަޑައިގެންނަވައެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ފިންލޭންޑްގެ ތައުލީމީ ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް ރާއްޖޭގެ ތައުލީމީ ދާއިރާގެ ކަންކަން ކުރިއަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި މަޝްވަރާ ކުރެއްވުމެވެ.
ފިންލޭންޑަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށާއި ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފިންލޭންޑަކީ މުޅި ދުނިޔޭގައި ވެސް އަދި ޔޫރަޕްގައި ވެސް އެންމެ ކުރިއަރާފައިވާ އޮތްތަނެއް ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމް ބަދަލު ކުރަމަށްޓަކައި ގެނެވޭނީ ކޮންކޮން ބަދަލުތަކެއްތޯ ބަލައި ފިންލޭންޑުގެ ތަޖުރިބާ އާއި މިހާރު ހޯދާފާވާ އެ ކުރިއެރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަން ބޭނުންވާކަމަށެވެ.
ފައިސަލް ނަސީމް ވިދާޅުވީ ދިވެހި ސަރުކާރުން ތައުލީމީ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިދިޔަ ތިން މަސް ދުވަސް ތެރޭގައި، ދުވަހަކުވެސް ރާއްޖޭގައި ނުކުރާފަދަ ގިނަގުނަ ކަންތައްތަކެއް ކޮށްފައި ވާނެ ކަމަށެވެ. އަދި ސްކޫލްތައް އިމާރާތް ކުރުމާއި ޑިޒައިން ކުރުމުގައި ވެސް ޒަމާނީ ގޮތްތަކެއް ގެންގުޅެން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ މަސައްކަތަށް އަހުލުވެރި ދަރިވަރުންތަކެއް ކަމުގައި ވުންކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނާއި އެކު ފައިސަލް ނަސީމް ހުކުރު ދުވަހު ފިންލޭންޑަށް ފުރާވަޑައިގެންނެވީ ޖަރުމަނުގައި ބޭއްވުނު އައިޓީބީގައި ބައިވެރިވެ ވަޑައިގަތުމަށްފަހުއެވެ. އެ މަނިކުފާނު ހޯމަ ދުވަހު ފިންލޭންޑުން ފުރާވަޑައިގަންނަވާނީ އެ ގައުމުގައި ތިން ދުވަސް ހޭދަކުރެއްވުމަށްފަހުއެވެ.