ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ ވިހެއުމުގެ ޗުއްޓީ ހަމަހަށް އިތުރު ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ރައީސް ގޮވާލައްވައިފިއެވެ.
ރައީސް ސާލިހުގެ ސްޕޯކްސް ޕާސަން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ތައާރަފް ކުރި މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ތައާރަފް ކުރެއްވުމަށް ރައީސް ސޯލިހް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން މުސާރައާއެކު ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައިންނަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ހަމަޖައްސަވާއި ވާކަމަށް ވިދާޅުވެފައެވެ.
މިއީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި އުސޫލު ބަދަލުކުރުމުގެ ކުރިން އޮންނަނީ ވިހެއުމާއި ގުޅިގެން ބަންދު ދުވަސް ހިމެނޭ ގޮތަށް ތިން މަހުގެ މެޓާނިޓީ ލީވްއެކެވެ. އަދި ބައްޕައިންނަށް ލިބެނީ ބަންދު ދުވަސް ހިމެނޭގޮތަށް ޕެޓާނިޓީ ލީވްގެ ތިން ދުވަހެވެ.
"ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށް ދިނުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާ އެކު. އެ ދަރިފުޅަށް ހޭހަން ކުރުމުގެ ގޮތުން، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، [ބުރާސްފަތި] މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް، މުސާރައާ އެކުގައި ލިބޭނެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް، އެއްމަސްދުވަހުގެ ޕެޓަރނިޓީ ލީވްވެސް، މުސާރައާއެކުގައި ލިބޭނެ." ރައީސް ވިދާޅުވިއެވެ.
މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް ތައާރަފު ކުރިކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އާއި އެސްޓިއޯއިން ވަނީ އިއުލާނު ކޮށްފައެވެ.