ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންނަށް ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތު 6 މަސް ދުވަހަށް މިއަދު އިތުރު ކޮށްފިއެވެ.

އެކަން އިއުލާނުކޮށް އެސްޓީއޯއިން މިއަދު ބުނެފައި ވަނީ، ވިހެއުމާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން މުވައްޒަފުންނަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވެސް ހަމަޖެހިފައި ވާކަމަށެވެ.

އެސްޓީއޯއިން މިގޮތަށް ހަމަޖައްސާފައި މިވަނީ ސަރުކާރުން ނިންމި މުހިންމު ނިންމުމާއި ގުޅިގެން އެކަމަށް ތާއީދު ކުރުމުގެ ގޮތުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު މިއަދު ވިދާޅުވިއެވެ. އަދި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، ހަޔާތުގެ ފުރިހަމަ ފެށުމެއް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، އޭނާ ސަރުކާރަށް މަރުހަބާ ދަންނަވަފައިވެއެވެ.

ވިހެއުމާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވްއެއް، އަދި ބައްޕައިންނަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް އެއް ލިބޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހަމަޖައްސަވާފައެވެ. އަދި، ހަ މަސް ނުވާ ދަރިން ތިބިނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން، އެކުދިންގެ މައިންނަށް ވެސް، މި ސިޔާސަތުގެ ދަށުން ޗުއްޓީ ލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

އެސްޓީއޯ އަކީ ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏަކަށް ވެފައި، މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭ ކުންފުންޏެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އެސްޓީއޯއިން ވަނީ އެކުންފުނީގެ މުވައްޒަފުން ގެދޮރުވެރި ކުރުވުމަށްޓަކައި 'އެސްޓީއޯ ހިޔާ" ގެ ނަމުގައި ހައުސިން ސްކީމެއް ފަށާފައެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ހުޅުމަލޭ ދެވަނަ ފިޔަވަހީގައި 304 އެޕާޓްމަންޓް ހިމެނޭ، 14 ބުރީގެ ދެ ޓަވަރު އަޅަން ފަށާފައިވެއެވެ.