މައްސަރު ދުވަސްވަރު، އަންހެނުން ބޭނުން ކުރާ ސެނިޓަރީ ނެޕްކިންސް ނުވަތަ ޕެޑު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަންހެން މުވައްޒަފުންނަށް އޮފީހުން ލިބޭގޮތް ހަދަފިއެވެ.

ބީއެމްއެލް އިން ބުނީ، ޕެޑު ފަދަ ޒަރޫރީ ތަކެތި، މަސައްކަތުގެ މާހައުލުން ފޯރުކޮށް ދިނުމުން އަންހެނުންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ކުންފުނީގެ ހުރިހާ ބްރާންޗްތަކުންނާއި ޑިޕާޓުމަންޓުތަކުގެ މުވައްޒަފުންނަށް ހިލޭ ޕެޑު ލިބެން ހުންނާނެ ކަމަށެވެ.

ބީއެމްއެލް އިން މިކަން ޓްވިޓާގައި މިއަދު އިއުލާނު ކުރުމުން، ގިނަ ފަރާތްތަކަކުން އަންނަނީ އެކުންފުނީގެ މި ނިންމުމަށް ހިތްވަރުދީ ތައުރީފު ކުރަމުންނެވެ.

އަންހެނުންނަކީ މުޖުތަމަޢުގައި ވަރަށް މުހިންމު ހަމަ އެހާމެ ޒިންމާދާރު ދައުރެއް އަދާކުރާ ބައެކެވެ. މިފަދަ ދުވަހެއްގައި ބީއެމްއެލުން ތަނުގެ އަންހެން މުވައްޒަފުންނަށް ފޯރުކޮށްދިން މި ހިދުމަތުން އަންހެނުންނަށް އިހުތިރާމުކޮށް އޯގާތެރިކޮށް ހިތުމުގައި ބީއެމްއެލް އިން މިވަނީ އެހެން ކުންފުނި ތަކަށް ފުރިހަމަ މިސާލެއް ދައްކުވައިދީފައެވެ.

އެގޮތުން އިންޑިއާގެ މުމްބާއީގައި މިދިޔަ މަހު ބޭއްވި ވޯލްޑް އެޗްއާރުޑީ ކޮންފަރެންސްގައި ގްލޯބަލް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓް ލީޑާޝިޕް އެވޯޑްސް ހަފްލާގައި ބޭންކަށް ވަނީ ތަމްރީނު ދިނުމާއި މުވައްޒަފުން ބިނާކުރުމުގެ ރޮނގުން އެވޯޑެއްވެސް ލިބިފައެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ. އަދި ބޭންކުގެ މުވައްޒަފުންގެ އެންމެ ބޮޑު ނިސްބަތަކީ ވެސް ދިވެހިންނެވެ.