ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.
ޔާމީން ހައްޔަރުކުރި ފަހުން އައިޖީއެމްއެޗް އަށް ދެ ފަރަށް ފަރުވާދޭން ގެންގޮސްފައިވެއެވެ.
ޔާމީން އައިޖީއެމްއެޗަށް ގެނެގޮސްފައިވަނީ މީގެ ދެ ދުވަސް ކުރިން އެމަނިކުފާނު ޑޮކްޓަރަށް ދައްކާލުމަށް އެދިވަޑައިގަތުމުންނެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ނޫންކަމަށާއި ޔާމީން އޮންނެވީ އައިޖީއެމްއެޗްގެ އެގްޒެކެޓިވް ވާޑުގައި ކަމަށް ކަރެކްޝަންސުން ވަނީ "ދަޕްރެސް" އަށް މައުލޫމާތު ދީފައެވެ.
ބޮޑީ ޗެކަޕެއް ހެދުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް، އެމަނިކުފާނު އައިޖީއެމްއެޗަށް ގެނެސްފައިވެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ލޯންޑާ ކުރައްވައިފައިވާ މައްސަލައެވެ. އޭސީސީ ރިޕޯޓުން ހާމަވާ ގޮތުގައި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އިސްލާމިކު ބޭންކުގައި އޮތް މިއެކައުންޓް ރައީސް ޔާމީން ހުޅުއްވައިފައި ވަނީ ފައިސާ ޖަމާވުމުގެ ހަދުވަސް ކުރިންނެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިންލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ހުކުމް ބާތިލް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުންވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުން ވަނީ ކެންސަލްވެެފައެވެ.