"ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ" ބުނާ އަޑު އަހަން ދިވެހި އަންހެނުން މިއަދު ބޭނުން ނުވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ] ބުނާ އަޑު، މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުން ނުވާ ކަމަށާއި، ބައެއް ރަށްރަށުގެ އަންހެނުން، މަސްކަނޑުތަކަށް ނުކުމެ، އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"ފުނަށް ފީނުމުގެ ސިނާއަތުގައި، މަދު ނޫން އަދަދެއްގެ ދިވެހި އަންހެނުން އެބަތިބި. އިންޖިނޭރުންނާއި، ޕައިލެޓުންގެ ގޮތުގައިވެސް ދިވެހި އަންހެނުން އަންނަނީ ހަރަކާތްތެރިވަމުން" ރާއްޖޭގައި އަންހެނުން ކުރާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ އެންމެ މަތީ މަގާމުތަކުގައިވެސް އަންހެނުން އަންނަނީ، ގައުމުގެ ކަންކަން ކުރިއެރުވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި މިނިސްޓަރުންނާއި، ސިޔާސީ އެކި މަގާމުތަކުގައިވެސް ވަރަށް ގާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާމެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް ކަމަށެވެ.

"އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި، އާއިލާއާއި މުޖްތަމައުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވާ ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ، ހަމައެކަނި ގާނޫނު އިސްލާހުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ގާނޫނުތަކުން އެކަމަށް މަގުފަހިކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، އެކަން ކުރުމުގެ ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަންޖެހާ ކަމަށާއި، އެކަން ކުރުމުގެ ވަރުގަދަ އަޒުމެއްވެސް، އަޅުގަނޑުމެންގެ ކިބައިގައި އޮންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިވިލް ސަރވިސް އަށް ބަލާއިރު، ތިންބައިކުޅަ ދެބަޔާ ގާތްކުރާ އަދަދަކަށް ތިބީ އަންހެނުން. އެއީ 61 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. އެކަމަކު ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތީގައި، ހަގީގަތް އޮތީ މިއާ ދިމާ އިދިކޮޅަށް. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގެ 61 އިންސައްތަ ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން. މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ" ސިވިލް ސާވިސްގައި އަންހެނުންގެ ދައުރު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އެއްވެސް ހަމަޔަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަން ޖެހިފައިވާ ސަގާފަތެއް ކަމަށާއި، ބޭނުންފުޅުވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަގާމުތަކުގައި، އަންހެނުންގެ ހިއްސާ، މިހާރަށްވުރެ ބޮޑަށް އިތުރުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް. މި ސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ 35 އިންސައްތައަކީ އަންހެނުން. އެމްބެސެޑަރުންނާއި، ޑެޕިއުޓީ އެމްބެސެޑަރުންގެ ގޮތުގައި 19 ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން 31.5 އިންސައްތައަކީ އަންހެނުން. އަޅުގަނޑު ހިތުން މިއީ، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެފަހުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ 63 އިންސައްތައަކީ ފިރިހެނުން ކަމަށާއި އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ ކަމަށެވެ. އަދި މި ނިސްބަތް އެހާ ދަށްއިރު، ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު، ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތް މަތި ކަމަށެވެ.

"މި ދެންނެވި ހާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ހަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިޔަކު ލިބޭ ހިސާބުން. އެހެންކަމުން، ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަހުރުވެރި މާޒީގެ ވާހަކަ ދައްކަވާ އިރު، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމަކީ ރާއްޖެ ކަމަށް ވެސް ވިދާޅުވަމުން ދާ ކަމަށާއި، ޖީޑީޕީގެ ނިސްބަތުން ބަލާއިރު، ދެކުނު އޭޝިޔާގެ އެންމެ މުއްސަނދި ގައުމަކީވެސް ރާއްޖެ ކަމަށް ވިދާޅުވެވޭ ކަމަށެވެ. ނަމަވެސް މި ގައުމު، ގައުމަކަށް ހަދައިދިން މީހުންގެ މަތިން ހަނދާންހުރީ، ކިތައް މީހުންތޯ؟ ރައީސް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ "މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެޔަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންގެ ވާހަކަ. އަޅުގަނޑުމެން ދައްކަން މިއުޅެނީ، "އަލި އުދަރެހުން ވިލޭއިރު، ބޮލި ހިލުމުގައި މަތީ ފަރު، ހެލިފެލިވަމުން އެދާ، ނަލަ ދިވެހި އަންހެނުންގެ ވާހަކަ" ގައުމު ތަރައްގީކުރުމުގައި އަންހެނުން ކުރި މަސައްކަތް ޅެން ބައިތަކުން ރައީސް ސިފަކޮށްދެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ދުށް ފިސާރި ކަނބަލުންނަކީ އެއީ ކަމަށާއި، ރާއްޖޭގެ ކޮންމެ ދިމާޔަކުން މިއަދު އިވެނީ، އެފަދަ ކަނބަލުންތަކަކަށް އެދި މި ގައުމު ގޮވާ އަޑު ކަމަށެވެ. އަދި އެ ގޮވާލުމަށް އިޖާބަދީ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތް ހިންގައި ބެލެހެއްޓުމުގައި، އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.