ދިވެހި ދައުލަތަށް މުހިންމު ހިދުމަތްތައް ކުރެއްވި އަންހެން ބޭފުޅުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވެވޭ ބޭއިންސާފެއް ކަމަށް މިނިސްޓާ ޝިދާތާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސްބަތުގައި ކ މާފުށީގައި ބޭއްވި ހަފްލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް މިއަދު ހަދާންކުރަމުން ދާއިރު، ދިވެހި ދައުލަތަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. ތާރީހަކީ އަމާނާތެއް ކަމުގައި ވާއިރު ވަކި ޖިންސަކަށް ވީތީ އެޒިކުރާ އަދާ ނުކޮށް އޮތްއޮތުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ގައުމުގައި މިއަދު މި ބިނާކުރެވޭ މާސިންގާ ބިނާތަކާއި، އުސް އިމާރާތްތަކަށް ނަން ކިޔުމުގައި މި ތަފާތު ވަނީ އަޅުގަނޑުމެންގެ އަމަލުން ދައްކުވައިދީފައި ކަމަށާއި މިއީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އެ ފަދަ އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

ތާރީހުގެ ފަތްފުށްތަކުގައި ލިޔެފައިވާ ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތު ކުރުން ގެންގުޅެފައިވާ ކަން އެފަދަ ލިޔުންތަކުން ފެންނަށް އޮތްކަމަށާއި، ތަރީހީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނެސްދިނުމުގައި ނުވަތަ ކިޔައިދިނުމުގައި ވެސް އަންހެނަކަަށްވީތީ ތަފާތުކުރުންތަށް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެންދާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ރަސްކަމާއި ރަނިކަމުގެ ކޮއިލުގައި ހިތާމަވެރި އަދި ގަބޫލް ކުރަން ފަސޭހަ ނޫން އެތައް ހާދިސާތަކެއް ހިނގާފައިވާ ކަން ހެކިދޭ އިރު އޭގެ ތެރޭގައި ވެރިކަމާ ދެކޮޅަށް ތެދުވުމާއި، ހަގުރާމައާއި، މަރުގެ ހާދިސާތައް ވެސް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ހާދިސާއެއްގައި ވަރަށް ގިނަ ސިއްރުތަކާއި އިބުރަތްތަކެއް ވާނެކަން ކަށަވަރުވާ އިރު، މި ފަދަ ހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި ރަސްކަން ވާރުތުވުމަން އައިސްފައިވާ ގޮތާއި ރަސްކަމެއް ފޭރިގަތުމަށް ނުވަތަ ބާއާވާތެއް ކުރުމުން ގާނޫނޫގެ ތެރެއިން އަމަލުކުރެވިގެންދާ ގޮތާއި، އަދި އެފަދަ ހާދިސާތައް ހިނގި އިރު ކުށްވެރިވެފައިވާ ފަރާތްތަކަށް ޝަރުއީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިއާޔަތްކޮށް ކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ޝިދާތާ ފާހަގަކުރެއްވިއެވެ.