ދަރިވަރުންގެ މިންހެޔޮ ކާނާ އަތްމަތީ ފޮތުގެ ހަތަރެއް އަދި 16 ވަނަ ސަފްހާގައި ހިމެނޭ ބާވައްތަކަކީ ސިއްހަތަށް ގެއްލުން ދެނިވި ބާވަތްތަކެއްކަމުން، މި ބާވަތުގެ އެއްވެސް އެއްޗެއް ސްކޫލް ކެންޓީނުގައި ނުބެހެއްޓުމަށް މިނިސްޓްރީން އަންގައިފިއެވެ.

ސްކޫލް ނިޒާމުގެ ތެރެއިން ގަވާއިދުން ދަރިވަރުންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖައްސައި، ސިއްހަތަށް ރަނގަޅު ނޫން ކާނާތަކާއި، ހަކުރުގިނަ ބުއިންތަކާއި އެނާޖީ އަދި ފިޒީ ބުއިންތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުފުމަށް ބޭނުންކުރާ ފޯއް، ސުޕާރީ ފަދަ ބާވަތްތަކުން ދަރިވަރުން ދުރުހެލިކޮށް ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ސްކޫލް މާހައުލަކީ ސިއްހީގޮތުން ދުޅަހެޔޮ މާހައުލެއްކަން ކަށަވަރުކޮށް ދަރިވަރުންގެ ސިއްހީ، ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެ ސްކޫލެއްގެ ޒިންމާއެއް ކަމަށް ގަބޫލްކުރާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން މިހެން ބުނެފައި ވަނީ ސްކޫލުގެ މާހައުލުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ބުއިންތަކާއި ކާނާއަކީ ސިއްހީގޮތުން ފައިދާހުރި ތަކެތިކަން ކަށަވަރުކުރުމާއި އެކު ސްކޫލްގެ މާހައުލަކީ ސިއްހީ ގޮތުން ދުޅަހެޔޮ މާހައުލެއްކަން ކަށަވަރުކުރުމަށް ނެރެފައިވާ ސާކިޔުލާ އެއްގައެވެ.

ދަރިވަރުން އިންޓަވަލަށް ގެންނަ ތަކެއްޗާއި ސްކޫލްގެ އެކިއެކި އިވެންޓްތަކުގައި ބޭނުންކުރާ ކެއުމާއި ބުއިމުގެ ބާވަތްތަކަކީ "ސްކޫލް ދަރިވަރުންގެ މިންހެޔޮ ކާނާ އަތްމަތީ ފޮތް" ގައި ބަޔާންކޮށްއިވާ ފަދަ ސިއްހަތަށް ފައިދާ ކުރުވަނިވި ކާނާއާއި ބުއިންތަކެއްކަން ކަށަވަރުކުރުމަށާއި ސްކޫލުން ބާއްވާ އެކިއެކި ފަންޑްރައިޒިން އިވެންޓްތަކުގައި ވެސް ސިއްހަތަށް ގެއްލުން ދެނެވި ކާނާގެ ބާވަތްތަކާއި ބުއިންތަކާއި މިނޫނަސް މިފަދަ ބާވަތްތައް ނުހިމެނުމަށާއި ދުޅަހެޔޮ ސިއްހަތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މިނިސްޓްރީން އަންގާފައި ވެއެވެ.

ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާރުވެސް 25 ސްކޫލް އަކަށް ނާސްތާދެއެވެ. މިޕްރޮގްރާމަށް ސަރުކާރުގެ ބަޖެޓްގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.