ގދ.ފަރެސްމާތޮޑާގައި މާރާމާރީ ހިންގާ ފިލައިގެން އުޅުނު ހަތަރު މީހަކު ރޭ ފުލުހުން ހައްޔަރު ކޮށްފިއެވެ. އެމީހުން ހައްޔަރު ކުރީ ރޭ 19:05 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާޗް ހަތަރު ވަނަ ދުވަހުގެ ދަންވަރު 01:15 ހާއިރު މާރާމާރީ ހިންގުމަށްފަހު މި ހަތަރު މީހުން ވަނީ ފިލާފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ފިލާ އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ ގދ.ނަޑެއްލާއިންނެވެ. ގދ.ނަޑެއްލާ އަކީ ޕޮލިސް ސްޓޭޓަނެއް ނުހުންނަ ރަށެކެވެ.

މާރާމާރީ ހިންގާފައި ވަނީ ފަރެސްމާތޮޑާގެ ފަރެސް އަވަށަށް ނިސްބަތްވާ ހަތަރު މީހަކުވެގެން އެރަށު މާތޮޑާ އަވަށަށް ނިސްބަތްވާ 21 އަހަރުގެ މީހެއްގެ ގައިގައި ކޯރާޑިއަކާއި ދަނގަޑު ބުރިއަކުން ތަޅައެވެ.

މާރާމާރީގައި އަނިޔާވި 21 އަހަރުގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވި ނަމަވެސް އޭނާ ގައިގެ އެކި ތަންތަނުގައި ކޯރާޑިއާއި ދަނގަނޑު ބުރިން ތަޅާފައިވާ ކަމަށާއި އޭނާގެ ބޮލުގައި ރެދުލާފައިވާ ކަމަށް ފަރެސްމާތޮޑާގެ ކައުންސިލް މެމްބަރު އިބްރާހީމް ސަބާހު މައުލޫމާތު ދެއްވައެވެ.

މާރާމާރީ ހިންގުމަކީ މިފަހަކަށް އައިސް ރާއްޖޭގައި އާންމު ކަމަކަށް ވަނީވެފައެވެ.