އިންޑިޔާއިން ރާއްޖެއަށް ބަޔަކު އެތެރެ ކުރަން އުޅުނު ބުދުތަށް ހިފެހެއްޓުމުން އެތަކެއްޗާއެކު، ރާއްޖެއިން މިއަދު ފުރާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ވައިގެ މަގުން ރޭގެ ވަގުތެއްގައި އައި އިންޑިއާގެ 3 އަންހެނުންނާއި ފިރިހެނަކު، އެތެރެކުރަން އުޅެފައިވަނީ އަޅުކަން ކުރުމަށް އިންޑިޔާ މީހުން ބޭނުންކޮށް އުޅޭ ޒާތުގެ ބުދުތަކެއް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. އަދި މި ޒާތުގެ އެކި ސައިޒުގެ 28 ބުދު އެމީހުން ރާއްޖެ އެތެރެ ކުރަން އުޅުނު ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ، ބިދޭސީން ރާއްޖެ އަންނައިރު އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެ އެތެރެކުރުން ހުއްދަ ނޫންތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދަން ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިޔުމުގެ ފުރުސަތު ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން އެފަރާތްތަކަށް ލިބިގެން ވާކަމަށެވެ.

އަޅުކަން ކުރުމަށް ގެންގުޅޭ ބުދަކީ ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާތަކެތީގެ ގާނޫނު)ގެ 4 ވަނަ މައްދާގެ (ށ)ގެ ދަށުން ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ.