ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓު ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން ހަތްވަނަ އަދި އަށްވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮށް ނުދެވުމުން ޓްރާންޕޯޓް އޮތޯރިޓީން މާފަށް އެދެފިއެވެ.
ބައިވެރިން ބޭނުންވި ސައިޒުގެ ހެލްމެޓް ނުދެވުނީ ހެލްމެޓުގެ ސައިޒުތައް މި ސެޝަން ތަކަށް އައިއިރު މަދުފައި ވުމުގެ ސަބަބުން ކަމަށާއި، ބައިވެރިން ބޭނުންވި ސައިޒުގެ ހެލްމެޓް ފަހުން ފޯރުކޮށް ދޭނެކަމަށް ޓްރާސްޕޯޓު އޮތޯރިޓީން ބުންޏެވެ.
ޓްރާސްޕޯޓު އޮތޯރިޓީން ބުނާގޮތުގައި އެ މިނިސްޓްރީން މިހާރު އޯޑާކޮށްގެން އައުމުގެ މަގުމަތީގައިވާ ހެލްމެޓުތަށް ލިބުމުން ބައިވެރިން ބޭނުންވާ ސައިޒުގެ ހެލްމެޓަށް ބަދަލުކޮށްދޭނެ ކަމަށެވެ. އަދި ހެލްމެޓުގެ ޝިޕްމަންޓް އައުމުން ސައިޒު ބަދަލުކުރަން އަންނަން ޖެހޭދުވަސް އިއުލާން ކުރާނެކަމަށް ޓްރާސްޕޯޓު އޮތޯރިޓީން ބުންޏެވެ.
މި ދެ ސެޝަންގެ ބައިވެރިން ހެލްމެޓުގެ ސައިޒް ބަދަލުކުރުމަށް އަންނަ އިރު ކުރިން ދޫކޮށްފައިވާ ހެލްމެޓު ބޭނުން ނުކޮށް އޭގެ ފޮށްޓާއި ކަވަރާ އެކު ގެނައުމަށް ޓްރާސްޕޯޓު އޮތޯރިޓީން އެދިފައިވެއެވެ.
ހެލްމެޓު ބަަހާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދެ ގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށެވެ.