މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަބުރާ ނުބެހުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މިއަދު އިލްތިމާސްކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މަޖިލީސް އިންތިހާބާގުޅިގެން ކުރިއަށް ގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގެ ތެރޭގައި، ކެނޑިޑޭޓުންގެ އިންތިހާބީ ހައްގަށް އަސަރުކޮށްފާނެ ފަދަ ކަންކަން ބައެއް ފަރަތްތަކުން ކުރަމުންދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

އަދި އެންޓި ކެމްޕޭން ކުރުމާ، ކެނޑިޑޭޓުންގެ އަބުރަށް ބުރޫ އަރާނެ ފަދަ ގޮތްގޮތަށް އެކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުން ފަދަ ކަންކަންވެސް ފަހާގަކުރެވިފައި ވާކަމަށް އެޗްއާރްސީއެމް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެކޮމިޝަނުން ބުނީ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި ރިޝްވަތު ދިނުންފަދަ ކަންކަން ހިންގަމުންދާކަން ވެސް ފާހަގަ ކުރެވިފައި ވާކަމަށެވެ.

މިކަމާ ގުޅިގެން ކަމާގުޅުން ހުރި އިދާރާތަކާ، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްއާރްސީއެމް އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އެ ނޫސްބަޔާނުގައި، އިންތިހާބީ ގާނޫނުތަކަށް އިހުތިރާމު ކުރުމަށާއި، އެންޓި ކެމްޕޭން ނުކުރުމަށާއި، ވޯޓަށް ނުފޫޒުފޯރުވުމުން އެއްކިބާވެ މުޖުތަމައުގައި ރުޅިވެރިކަމާ، ފިތުނަ ފަސާދަ އުފެދި އާންމު މަސްލަހަތު ގެއްލޭ ގޮތަށް ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކަތެއް ނުހިންގުމަށް، ސިޔާސީ ޕާޓީތަކަށާ، އަމިއްލަ ކެނޑިޑޭޓުންނަށާ، އެންމެހާ ފަރާތަކަށް އިލްތިމާސްކޮށްފައިވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ. މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 406 ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފައެވެ.