މި މަހު އެއްވަނަ ދުވަހު ރާއްޖޭން ހިފެހެއްޓި ސްރީލަންކާގެ 4 މަސްބޯޓު ހުޅުމާލެ ގެނެސް އެމްއެންޑީއެފުން ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މި ބޯޓުތަކުގައި 25 މީހުންތިބި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މީހުން މިހާރު ތިބީ ހުޅުމާލެ ފަޅުތެރޭގައި އޮތް ބޯޓުތަކުގައެވެ.

މި މަސްބޯޓު ތައް އަތުލައިގެންފައި ވަނީ ހއ ކެލާގެ އިރު އުތުރުން ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. ކޯސްޓްގާޑުން ބުނީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލުން މަސްވެރިކަން ކުރަން އުޅެނިކޮށް ފުރަތަމަ ފެނުނީ ދެބޯޓު ކަމަށެވެ. އަދި ކޯސްޓްގާޑުގައި އޮންނަ އެންމެ ބޮޑު ބޯޓް "ހުރަވީ" އިން އެ ދެބޯޓު ހިފަހައްޓާ ހދ ކުޅުދުއްފުށްޓަށް ގެނައުމަށް މިސްރާބު ޖަހާފައި ވަނިކޮށް އަނެއްކާ އިތުރު 2 ބޯޓު ފެނިގެން އަތުލި ކަމަށެވެ.

ފުލުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.