އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން މިރޭ ބާއްވަން ނިންމައިފިއެވެ.
މަޖިލީހުގެ 87 ދާއިރާއަށް މި ފަހަރު 406 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ 371 ފިރިހެން ކެންޑިޑޭޓުންނާއި 35 އަންހެން ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހއ، ހދ، ށ، ނގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން އޮންނާނީ މިރޭ 8:30 އިން 9:30 އަށް ކަމަށެވެ. އަދި ރ، ބ، ޅ، ކ، އއ، އދގެ ދާއިރާތަކުގެ ގުރުއަތުލުން އޮންނާނީ މިރޭ 9:45 އިން 10:45 އަށް ކަމަށް އީސީން ބުނެއެވެ. މީގެ އިތުރުން ވ، މ، ފ، ދ، ތ، ލ ގެ ކެންޑިޑޭޓުންގެ ގުރުއަތުލުން އޮންނާނީ މިރޭ 11:30 އިން 12:30 އަށް ކަމަށް އީސީން ބުނެއެވެ.
އަދި މިރޭ ދަންވަރު 1:00 އިން 2:00 އަށް ގއ، ގދ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ކެންޑިޑޭޓުންގެ ގުރުއަތުނެގުން ބާއްވާއިރު، މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ގުރުއަތުލުން އޮންނާނީ މިރޭ ދަންވަރު 2:30 އިން 3:30 އަށް ކަމަށް އީސީން ބުނެއެވެ.
އީސީން ވަނީ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑީގެ 15 މިނެޓް ކުރިން އިންތިހާބާ ބެހޭ މަރުކަޒަށް ހާޒިރުވާން އަންގާފައެވެ. އަދި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތަނަމަ، ކެންޑިޑޭޓުންގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާނެ ފަރާތެއްގެ މައުލޫމާތު ހިމަނައި، ކެންޑިޑޭޓުގެ ސިޓީއެއް ހުށަހެޅުމަށް ވެސް އީސީން ވަނީ އެދިފައެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް 406 ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފައެވެ. އޭގެ ތެރެއިން 5 ކެންޑިޑޭޓުންގެ ފޯމް ވަނީ ބާތިލް ކުރެވިފައެވެ. އަދި 8 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.