ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލްވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އެ އިސްލާހު ހުށަހަޅާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 53 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ، އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީން އިތުރު ބަދަލަކާ ނުލައެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ހިމަނާފައެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލު ނުވާ ގޮތް ހަދާފައިވަނީ ވެސް ޕީޕީއެމުން މަޖިލީހަށް ހުށަހަޅައިގެންނެވެ.