ގދ. ގައްދޫ އިން ފިހުނު ކުޑަކުއްޖާގެ ހާލު ރަނގަޅު ކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ހަވާލުވެ ހުންނެވި އައިމިނަތު އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.

ގައްދޫން ފިހުނު ކުއްޖާ ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލަށް ބަދަލު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފިހުނު ކުއްޖާއަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާައެއް އަދި ބޭހެއް ނެތްކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހަބަރު ފެތުރުނު ނަމަވެސް، އެކަމާއި ގުޅިގެން "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގައްދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އައިޝަތު ޝީޒާ ވިދާޅުވީ އެ ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލާފައި ވަނީ ކުޑަކުއްޖަކަށް ވެފައި މަރުކަޒުގައި 'އުނގުޅާ ބޭސް' ނެތުމުން ކަމަށާއި، ބޭސް ހުސްވެފައި ވަނީ ދާދި ފަހުން އަލިފާނުގެ ހާދިސާގައި އެއްކޮށް ހަލާކުވި ރަވާނާ ބޯޓުގައި އެ މަރުކަޒަށް ގެނައި ބޭސް ހުރުމުން ކަމަށެވެ.

އަބްދުއްސަމަދު ހޮސްޕުޓަލުން ބުނީ ފިހިގެން ގެނައި ކުއްޖާއަށް މިހާރު ވެސް ފަރުވާދެމުން ދާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ސީރިއަސް އެއްވެސް ކަމެއް މިހާރު ނެތްކަމަށެވެ. އުމުރުން ތިން އަހަރުގެ އެ އަންހެން ކުއްޖާގެ ހަށިގަނޑުގެ ބަނޑާއި ފައިގެ ފަލަމަސްގަނޑުން ހަތެއް އިންސައްތަ ފިހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ބައެއް ނޫސްތަކުން އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓްކޮށްފައި ވީނަމަވެސް، އެފަދަ އެއްވެސް ކަމެއް ރާވާފައި ނުވާކަމަށް އަބްދުއްސަމަދު ހޮސްޕިޓަލުން ބުނެއެވެ. އަދި އެ ހޮސްޕިޓަލުން ކުއްޖާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ދެމުން ދާކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

ފަހަކަށް އައިސް ބައެއް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ބޭސް ނެތުމާއި އެކަށީގެންވާ ފަރުވާ ލިބެން ނެތްކަމުގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ. މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ދާދި ފަހުން ބުނެފައިވަނީ މިދިޔަ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެކަށީގެންވާ ވަރަށް ބަލާ އަދި ބޭނުންވާ އާލާތްތަކާއި ސާމާނު ފޮނުވާފައި ނުވާ ކަމަށެވެ.