މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ އާ ބިލެއް އެކުލަވާލައި އެއަށް އާންމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

ގާނޫނު ނަންބަރު 1/96 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) މިހާރު ވަނީ އުވާލެވިފައެވެ. އެކުލަވާލައިފައިވާ އާ ބިލަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރިއަށްވުރެ ހަރުދަނާ އޮނިގަނޑެއް ގާއިމް ކުރުމަށްޓަކައި އެކުލަވާލައިފައިވާ ބިލެކެވެ.

މިބިލު އާންމުންގެ ހިޔާލަށް ހުޅުވާލައި، މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނަނީ ހިޔާލު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން 11 މާޗް 2019 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް، [email protected] އަށް ކޮމެންޓްތައް ފޮނުވުމަށެވެ.

މި ބިލު ފަރުމާ ކުރެވިފައި ވަނީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވޭނެ އިންތިޒާމެއް ހިމެނޭ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކްސް މިނިސްޓަރީން ބުނަނީ މުދާ ވިއްކުމާއި ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ބަލާނެ 'ކޮންސިއުމާ އޮމްބަޑްސްމަންގެ' މަގާމް އުފައްދާނެ ކަމަށެވެ. އަދި ކޮންސިއުމާ އޮމްބަޑްސްމަންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މިބިލުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މި ބިލުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައެޅުމާއ،ި ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅުން ހިމެނެއެވެ. އަދި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމާއި، މުދާ ވިއްކުމުގައި ނުވަތަ ހިދުމަތެއް ދިނުމުގައި ކުރުން މަނާ ކަންކަން ބަޔާން ކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިފައިވާ ބަދަލުތައް ކަނޑައެޅުމާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނެޓް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ބާޔާންކުރުންވެސް ލާޒިމު ކުރެވޭނެއެވެ.