އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހަ ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ހުޅުވާލި މުއްދަތުގައި ރީރަޖެސްޓްރީ ވުމަށް 21،203 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ ރީރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅާފައި ވަނީ 21،203 ފޯމު ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލެއް އައިސްދާނެ ކަމަށެވެ. އެއީ އަދިވެސް ބައެއް ރަށްތަކުގެ ފޯމު ލިބިފައި ނުވާތީއެވެ.

އަކްރަމް ވިދާޅުވީ ހުރިހާ ފޯމުތަކެއް ޕްރޮސެސް ކުރުމަށް ފަހު ކުރިއަށް އޮތް 2-3 ދުވަސް ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައްވާނެ ކަމަށެވެ.

އަދި އެ ކޮމިޝަނުން ތާވަލުކޮށްފައި އޮތް ގޮތަށް އިންތިހާބު ކުރިއަށްދާނެ ކަމުގެ ކަށަވަރުކަން އެބަ އޮތް ކަމަށާއި އިންތިހާބު ވެގެން ދާނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރީރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަން ޖެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ.

މިއަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އީސީން ވަނީ ބަލައިގެންފަ އެވެ.