މިދިޔަ އަހަރު ޕުރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހުން ދައުވާ ކުރުމަށް ފޮނުވި މައްސަލަ ތަކުގެ ތެރެއިން 1100އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލާފައި ވާކަމަށް، އެއޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު އެ އޮފީހުގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން ދައުވާ ކުރުމަށް ކޯޓުތަކަށް ފޮނުވި ޖުމްލަ 2534 މައްސަލައިގެ ތެރެއިން، 1174 މައްސަލަ އަލުން އަނބުރާ އޮފީހަށް ފޮނުވާލާފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 2018 ވަނަ އަހަރުގެ 372 މައްސަލަ އަކާއި، 2017 ވަނަ އަހަރުގެ ނިޔަލަށް ދައުވާކުރަން ނުފޮނުވި ހުރި 802 މައްސަލައެކެވެ.
އޭގެ ތެރެއިން 125 މައްސަލަ ހެއްކާއި ގަރީނާ ނެތިގެން ފޮނުވާލާފައި ވާއިރު، އަލުން ހުށައެޅުމަށްޓަކައި 403 މައްސަލައެއް ފޮނުވާލާފައި ވެއެވެ. އަދި އެކި ސަބަބުތަކާ ހުރެ އަނބުރާ ފޮނުވާލާފައިވާ މައްސަލަ ތަކުގެ ތެރޭގައި 646 މައްސަލަ އެއް ހިމެނިފައިވެއެވެ.
އެގޮތުން ޕީޖީ އޮފީހުން ކޯޓުތަކަށް ދައުވާ ކުރަން ފޮނުވި މައްސަލަ ތަކުގެ ތެރެއިން 2004 މައްސަލަ ސުޕީރިއާ ކޯޓުތަކަށް ފޮނުވާފައި ވާކަމަށް އެ އޮފީހުން ނެރުނު ރިޕޯޓުގައި ވެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 530 މައްސަލައެއް ފޮނުވާފައި ވާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ހުސްވި އަހަރުގެ މައްސަލަ ތަކުގެ ތެރެއިން 116 ބާވަތެއްގެ މައްސަލައިގައި 1790 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 743 މައްސަލަ އަކާއި ވައްކަން ކުރުމުގެ 98 މައްސަލަ އެއް ހިމެނެއެވެ.
މިދިޔަ އަހަރު ދައުވާ ކުރަން ފޮނުވި، އެހެން އަހަރުތަކުގެ މައްސަލަތަކުގެ ތެރޭގައި، 79 ބާވަތުގެ 744 މައްސަލަ ހިމެނޭ ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައި ވެއެވެ. އޭގެތެރެއިން 313 މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެވެ. އަދި ވައްކަމުގެ 83 މައްސަލައެއްވެސް ހުށައަޅާފައި ވެއެވެ.
އެ ރިޕޯޓުގައި ވާ ގޮތުން ތަހުގީގީ އިދާރާތަކުން 2018 ވަނަ އަހަރު ޖުމްލަ 1211 މައްސަލަ ހުށައަޅާފައި ވާއިރު، އޭގެތެރެއިން 1203 މައްސަލަ ހުށައަޅާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަވިސް އިންނެވެ. ބާކީ 8 މައްސަލައިގެ ތެރެއިން 6 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށައަޅާފައި ވާއިރު، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 2 މައްސަލައެއް ހުށައަޅާފައި ވެއެވެ.