ދައުލަތު ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ރިސޯޓަކުން އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދޭން މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ނިންމައިފިއެވެ.
ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދަދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއި ޖެންޑާ މިނިސްޓްރީއާ ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.
މި ރަސްމިއްޔާތުގަައި އަނަންތާރާ ރިސޯޓުގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މިސްޓާ އެޑްރިއަން ސްޓޯޕްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ ޝިދާތާ ޝަރީފެވެ.
މި އެމްއޯޔޫގެ ދަށުން ހިޔާގައި ދިރިއުޅޭ ކުދިންނަށް އަނަންތާރާ ރިސޯޓުގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބިމުގެ އިތުރުން އެ ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ޕްރެސް ރިލީސްގައި ބުނެފައިވެއެވެ.
ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓާ ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން މުޖުތަމައުއަށް ނެރުމަށް ކުންފުނިތަކުގެ ހިއްސާ ވަރަށް މުހިންމު ކަމަށެވެ. އަދި މި ފާއިތުވެ ދިޔަ އަހަރުތަކުގައި އަނަންތާރާ ރިސޯޓުން ނަމޫނާ ދައްކަމުން އަންނަ ކަމަށް އެ ކަމަނާ ވިދާޅުވެފައިވެއެވެ.
މި ވަގުތު ވެސް އަނަންތާރާ ރިސޯޓުގައި ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށް ވަޒީފާ އަދާކުރުމަށް ދާ ކުއްޖަކު ހުރި ކަން ފާހަގަކުރައްވާ މި ފަދަ ފުރުސަތުތަކުގެ ބޭނުން ކުދިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޝިދާތާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓްރީއާއި އަނަންތާރާ ރިސޯޓާ ދެެމެދު މި ފަދަ އެމްއޯޔޫއެއްގައި މީގެ ކުރިން ވެސް ވަނީ ސޮއި ކޮށްފައެވެ. މި އެމްއޯޔޫގެ ދަށުން ކުޑަކުދިން ހިޔާގައި ދިރިއުޅޭ ދެ ކުއްޖަކު އަނަންތާރާ ރިސޯޓުގައި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތަ ލިބިގެން ދިޔަ ކަމަށާއި އަދި މިއަދު ސޮއި ކުރެވުނު އެމްއޯޔޫއިން އިތުރު ތިން ކުއްޖަކަށް ފުރުސަތު ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.