އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މި ހަފްތާގައި ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އިސްކޮށް ހުންނަވައިގެން، "ރައްޔިތުންގެ" ނަމުގައި ހުށަހަޅާ މި ޕެޓިޝަންގައި ބުނެފައި ވަނީ، ގާނޫނުއަސާސީން އޭސީސީގެ މެންބަރުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، ރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ އިހުމާލުވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭސީސީ މެންބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާ މެންބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ސަރުކާރު ފަޅީގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ސޮއިކުރައްވާފައިވާ މި ޕެޓިޝަންގައި ބުނެފައި ވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަނޑައަޅާފައިވާ އިރު، އޭސީސީގައި މިހާރު ތިއްބެވި މެންބަރުން މަގާމުން ވަކިކުރުމަކީ، ކޮރަޕްޝަން ނައްތާލުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުން ދާއިރު، އެ ކޮމިޝަންގެ ރައީސް ހަސަން ލަތީފާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އޭނާ އޮފީހަށް ވަޑައިނުގަންނަވައެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާއިރު، މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާއި ގުޅިގެން އެއިރުގެ ސަރުކާރުން އެ މައްސަލަތައް ބަލާ ފުލުހުން ނަގާފައިވާ ކަމަށް ބުނެ ލީކުކޮށްލި ބަޔާންތަކުގައި ވެސް ލަތީފް މެލޭޝިއާއިން ފުލެޓެއް ބައްލަވައިގެން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުުރުން އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން، އެ މައްސަލަ ބަލާ އެކަންކަން ހާމަކުރުމުގެ އޭސީސީގެ މެންބަރުން އެ މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރަން އިހުމާލުވެފައިވާ ކަމަށް ކޮމިޝަންގެ މެންބަރުންނަށް ތުހުމަތު ކުރެއެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅިގެން އޭސީސީއަށް އަމާޒުވަމުން ދިޔަ ތުހުމަތުތައް އެ ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ. އަދި އެ މައްސަލައިގައި ތަހުގީގު ލަސްވީ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބިގެންކަމަށް ބުނެ އެކަންކަމުގެ ތަފްސީލު އޭސީސީން ހާމަކުރިއެވެ.